Last Updated: June 28, 23:21
Sunday, June 28, 2026
ޚަބަރު

އިންޑިއާގެ ކޮންސިއުލޭޓެއް އައްޑޫގައި އަޅަން އަދި ނުނިންމަން: ރައީސް

ފޮޓޯ: ރައީސް އޮފީސް

އައްޑޫސިޓީގައި އިންޑިއާގެ ކޮންސިއުލޭޓެއް އަޅަން ދިވެހި ސަރުކާރުން އަދި ނުނިންމާކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވިދާޅުވެއްޖެއެވެ.

ރޭ ބޭއްވެވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ރައިސް ސޯލިހް ވިދާޅުވީ، އިންޑިއާގެ ކޮންސިއުލޭޓެއް އައްޑުގައި އެޅުމަށް އަދި ނިންމީ އިންޑިއާއިން ކަމަށެވެ. އެކަން އަދި ދިވެހި ސަރުކާރަށް ހުށަހަޅާފައި ނުވާކަމަށް ރައީސް ސޯލިހް ވިދާޅުވިއެވެ.

ރާއްޖެއިން އެކަމުގައި އަދި ގޮތެއް ނުނިންމާކަން ފާހަގަކޮށް ރައީސް ވިދާޅުވީ ޑިޕްލޮމެޓިކް ގުޅުމުގެ ތެރެއިން އެއް ފަރާތުން އަނެއް ފަރާތަކަށް އެދޭ އެދުންތައް ފުރިހަމަކުރަން ދެއްކެވެން ޖެހޭ ވާހަކަތައް ދެކެވޭނެ ކަމަށެވެ.

ރައީސް ވިދާޅުވީ ރާއްޖޭގެ ހައިކޮމިޝަނެއް އިންޑިއާގެ ވެރިރަށް ނިއުދިއްލީގައި ހުންނައިރު ތިރުވަަނަންތަޕޫރަމްގައި ރާއްޖޭގެ ކޮންސިއުލޭޓެއް ހުންނަކަމަށެވެ. އެހެންކަމުން އިންޑިއާގެ ނިންމުމާމެދު ވިސްނަން ޖެހޭކަމަށް ވިދާޅުވިއެވެ.

"އެނގިވަޑައިގަންނަވާނެ، އިންޑިއާ އާއި ރާއްޖެއާ ދޭތެރޭގައި އެބަ އޮތް ވަރަށް ގާތް ގުޅުމެއް. އަދި އެހެން ގައުމުތަކާ އެކީގައި ވެސް އެބައޮތް." ރައީސް ވިދާޅުވިއެވެ.

މޭ 24 ވަނަ ދުވަހު ބޭއްވި އިންްޑިއާގެ ޔޫނިއަން ކެބިނެޓް ބައްދަލުވުމެއްގައި ވަނީ އައްޑޫގައި ކޮންސިއުލޭޓެއް ގާއިމުކުރަން ފާސްކޮށްފައެވެ.

މިކަމާ ގުޅިގެން އިންޑިއާގެ އެމްބަސީން ބުނީ ކެބިނެޓުން އެ ނިންމުން ފާސްކުރި ނަމަވެސް އެއީ އަދި ވިސްނުމެއްގެ ގޮތުގައި އޮތް ކަމެއް ކަމަށާއި އެއީ އަދި ފައިނަލް ނިންމުން ނޫން ކަމަށެވެ. އަދި އެކަން އެގޮތަށް ކުރުމަށް ދިވެހި ސަރުކާރުގެ ވެސް ހުއްދަ ބޭނުންވާނެ ކަމަށް އެމްބަސީން ބުނެއެވެ.