މޯބައިލް އިންޓަނެޓްގެ ހިދުމަތުގެ އަގު އޮކްޓޫބަރު މަހު ހެޔޮ ވާނެ ކަމަށް ސަރުކާރުން ހާމަކޮށްފިއެވެ.
ސަރުކާރުން މި ކަން ހާމަކޮށްފައިވަނީ މިހާރު ކުރިއަށްގެންދާ "ނެޓް ހެޔޮ" އިވެންޓުގައެވެ.
ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ސަރުކާރުން އިންޓަނެޓްގެ އަގު ހެޔޮ ކުރުމަށް ވެލައްވާފައިވާ ވައުދުގެ ދަށުން މިއަދު ރެޒިޓެންޝަލް އިންޓަނެޓްގެ އަގު ހެޔޮ ކޮށް އެކަން އިއުލާނު ކޮށްފައިވާއިރު، އިންޓަނެޓްގެ ހިދުމަތަށް ބަދަލު ގެނެވޭނީ ފޭސްތަކަކަށް ބަހާލައިގެން ކަމަށް ސަރުކާރުން މައުލޫމާތުދެއެވެ.
ފުރަތަމަ ފޭސްގައި ރެސިޑެންޝަލް އިންޓަރނެޓް ގެ ޚިދުމަތުގެ އަގު ޖުލައި 1 އިން ފެށިގެން ހެޔޮ ކުރުމަށް ނިންމާފައިވާއިރު އިންޓަރނެޓް އަގުހެޔޮ ކުރުމުގެ ސިޔާސަތު ތަންފީޒުކުރުމުގެ ދެވަނަ ފޭސްގައި، އޮކްޓޫބަރު 2021 އިން ފެށިގެން މޯބައިލް ބްރޯޑްބޭންޑްގެ ޚިދުމަތަށް ބަދަލު ގެނެވޭނެ ކަމަށް ސަރުކާރުން ވަނީ ހާމަކޮށްފައެވެ.
ރެސިޑެންޝަލް އިންޓަރނެޓުގެ ޚިދުމަތުގެ އަގުތަކަށާއި ސްޕީޑަށް ސަރުކާރުން ގެނައުމަށް ނިންމާފައިވާ ބަދަލުތަކަކީ، 5 އެމްބީޕީއެސްގެ ސްޕީޑުގައި 250ރ އަށް 30 ޖީބީ (ތްރޮޓުލް ސްޕީޑްގައި 2 އެމްބީޕީއެސް)، 15 އެމްބީޕީއެސްގެ ސްޕީޑުގައި 500ރ އަށް 100 ޖީބީ (ތްރޮޓުލް ސްޕީޑްގައި 5 އެމްބީޕީއެސް)، 25 އެމްބީޕީއެސްގެ ސްޕީޑުގައި 700ރ އަށް 200 ޖީބީ (ތްރޮޓުލް ސްޕީޑްގައި 5 އެމްބީޕީއެސް) އެވެ.
މި ބަދަލުތަކުގެ ސަބަބުން ރެސިޑެންޝަލް އިންޓަރނެޓް ޚިދުމަތްތައް ބޭނުންކުރާ 60 އިންސައްތައާއި 75 އިންސައްތައާ ދެމެދުގެ މީހުންނަށް ސީދާކޮށް މަހުފީ އަގުހެޔޮ ވެގެންދާނެކަމަށެވެ.