Last Updated: June 28, 20:14
Sunday, June 28, 2026
ޚަބަރު

އަމާޒަކީ ޒަމާނީ ޓެކްނޮލޮޖީއާ ރާއްޖެ އަރާ ހަމަކުރުން: މިނިސްޓަރު ޝައުނާ

މިނިސްޓަރ އޮފް އެންވަޔަރަންމަންޓް، ކްލައިމެޓް ޗޭންޖް އެންޑް ޓެކްނޯލޮޖީ އައިމިނަތު ޝައުނާ--

ސަރުކާރުގެ އަމާޒަކީ ޒަމާނީ ޓެކްނޮލޮޖީއާ ރާއްޖެ އަރާ ހަމަކުރުން ކަމަށް މިނިސްޓަރ އޮފް އެންވަޔަރަންމަންޓް، ކްލައިމެޓް ޗޭންޖް އެންޑް ޓެކްނޯލޮޖީ އައިމިނަތު ޝައުނާ ވިދާޅުވެއްޖެއެވެ.

އިންޓަނެޓްގެ ހެޔޮ އަގުތައް އިއުލާނުކުރުމަށް ކުރިއަށްގެންދިޔަ އިވެންޓްގައި ވާހަކަ ދައްކަވަމުން މިނިސްޓަރު ޝައުނާ ވިދާޅުވީ، އިންޓަނެޓަށް މިއަދު މި ގެނެވޭ ބަދަލަކީ ވަރަށް ގިނަ ބައެއް ގުޅިގެން ކުރެވުނު މަސައްކަތެއް ކަމަށެވެ.

މިނިސްތަރު ޝައުނާ ވިދާޅުވީ ދިރިއުޅުމުގެ ހުރިހާ ކަމެއްގައިވެސް ނެޓަށް ބަރޯސާވާ މިންވަރު މިއަދު ބޮޑު ކަމަށާއި، ރައްޔިތުންގެ ކަންބޮޑުވުންތަކާއި، ދާއިރާގެ ބޭފުޅުންގެ މަޝްވަރާގެ މަތިން ސަރުކާރުގެ އަމާޒަކަށްވީ އިންޓަރނެޓްގެ ޚިދުމަތަށް ޖުމްލަ ގޮތެއްގައި ހެޔޮ ބަދަލެއް ގެނައުން ކަމަށެވެ.

"މަހުގެ މެދާ ހަމައަށް ދާއިރު ނެޓު ހުސްވުން. ހިދުމަތުގެ ފެންވަރު ދަށްވެ ޖީމެއިލްއެއްވެސް ހުޅުވާނުލެވުން. ފެމިލީ ވައިބާ ގްރޫޕަށްލާ ފޮޓޮއެއްވެސް ޑައުންލޯޑް ނުކުރެވުން. މިހުންނަނީ ހައްތަހާވެސް ބޮޑެތި މައްސަލަތައް." މިނިސްޓަރު ޝައުނާ ވިދާޅުވިއެވެ.

ރާއްޖެއަކީ އުފެދުމުގެ ގޮތުންވެސް ޓެކްނޮލޮޖީއަށް ބަރޯސާނުވެ ތަރައްގީ ނުވެވޭނެ ޤައުމެއްކަން ފާހަގަކޮށް މިނިސްޓަރު ޝައުނާ ވިދާޅުވީ ޓެކްނޮލޮޖީ މިއަދު މިވަނީ ޖަޒީރާ ޤައުމުތަކަށް ދިމާވާ މައްސަލަތައް ހައްލު ކުރެވޭނެ މިންވަރަށް ތަރައްގީ ވެފައި ކަމަށެވެ. އަދި ސަރުކާރުގެ އަމާޒަކީ މި ޓެކްނޮލޮޖީއާ ދިވެހިރާއްޖެއިން އަރައި ހަމަކުރުން ކަމަށް ވިދާޅުވިއެެވެ.

ސަރުކާރުން ފޯރުކޮށްދޭ ހުރިހާ ޚިދުމަތެއް އޮންލައިންކޮށް ލިބޭނެ ގޮތަކަށް މުޅި ސަރުކާރު ގުޅައިލުމަކީ އަމާޒެއްކަމަށްވެސް ވިދާޅުވިއެވެ.