Last Updated: June 28, 20:14
Sunday, June 28, 2026
ޚަބަރު

ރައީސް ސޯލިހް މޭޔަރު މުއިއްޒުއާ ބައްދަލު ކުރައްވައިފި

ފޮޓޯ: ރައީސް އޮފީސް

ރައީސް އިބްރާހިމް މުހައްމަދު ސޯލިހް މާލެސިޓީ މޭޔަރު ޑރ. މުހައްމަދު މުއިއްޒުއާ ބައްދަލު ކުރައްވައިފިއެވެ.

މިއަދު މެންދުރުކުރިން ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވެވި މި ބައްދަލުކުރެއްވުމުގައި، ދެ ބޭފުޅުން މާލެ ސިޓީގެ ހާލަތާއި ގުޅޭގޮތުން މަޝްވަރާކުރައްވާފައިވެއެވެ.

އެގޮތުން މާލެ ސިޓީއަކީ އަމާން ތަނަކަށް ހެދުމަށް ކުރެވެން ހުރި ކަންތައްތަކާއި، މާލެ ސިޓީއަށް ކުރިމަތިވެފައިވާ ގޮންޖެހުންތަކާއި، އެކަންކަން ހައްލުކުރުމަށް އެޅެން ހުރި ފިޔަވަޅުތަކާއި، ގުޅޭ ގޮތުން ފުޅާ ދާއިރާ އެއްގައި މަޝްވަރާ ކުރެއްވެވިކަމަށް ރައީސް އޮފީހުން މައުލޫމާތުދެއެވެ.

މި ބައްދަލުކުރެއްވުމުގައި މާލެ ސިޓީ ކައުންސިލުން މިހާރު ކުރަމުން ގެންދާ މައިގަނޑު މައްސައްކަތްތަކާއި، އަދި ކުރިއަށް ރާވާފައިވާ ކަންތައްތައް މޭޔަރު މުއިއްޒު ހިއްސާކުރައްވާފައިވެއެވެ. އަދި މި ކަންތައްތައް ސަރުކާރާއި ގުޅިގެން ކުރިއަށް ގެންދެވުމަށް ބޭނުންފުޅުވާ ކަމުގައިވެސް ވިދާޅުވެފައިވެއެވެ. އަދި ސަރުކާރަށް ފުރިހަމަ އެއްބާރުލެއްވުން ދެއްވާނެ ކަމުގެ ޔަޤީންކަންވެސް މޭޔަރު މުއިއްޒު ދެއްވި ކަމަށް ރައީސް އޮފީހުން މައުލޫމާތުދެއެވެ.

މި ބައްދަލުކުރެއްވުމުގައި ރައީސް ސޯލިހް ވަނީ ސަރުކާރުން މާލެ ސިޓީ ކަންސިލުން މާލޭގެ ކުރިއެރުމަށާއި، މާލެ ރައްޔިތުންގެ ލާބައާއި މަންފާއަށްޓަކައި ކުރައްވާ ހުރިހާ މަސައްކަތަކަށް ފުރިހަމައަށް އެއްބާރުލުން ދެއްވާނެކަމަށް ވިދާޅުވެފައެވެ. އަދި ސަރުކާރުގެ ލާމަރުކަޒީ ސިޔާސަތުގެ މައްޗަށް އަލިއަޅުވާލައްވަވާ އެ ސިޔާސަތުގެ ތެރެއިން މާލެ ސިޓީގެ ކަންކަން ހަރުދަނާކޮށް ކުރިއަށްގެންދިއުމަށް ރައީސް ވަނީ ބާރު އަޅުއްވާފައެވެ.