ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރަށް ލަފާދިނުމަށް ބޭރުގެ އެޑްވައިޒަރަކު ހަމަޖައްސައިފިއެވެ.
ފިނޭންސް މިނިސްޓްރީން ބުނެފައިވަނީ ލަފާ އެރުވުމަށް ބައިނަލްއަގްވާމީ އެޑްވައިޒަރެއްގެ ގޮތުގައި ޖަމަހައްސާފައިވަނީ ޑރ. ޝާންތާ ޑެވަރަޖަން ކަމަށެވެ. ޑރ. ޑެވަރަޖަން ވަނީ ވޯލްޑް ބޭންކް ގްރޫޕްގެ އެކްޓިންގ ޗީފް އިކޮނޮމިސްޓް އަދި ޑިވެލޮޕްމަންޓް އިކޮނޮމިކްސްގެ ސީނިއަރ ޑިރެކްޓަރުގެ މަގާމު އަދާކޮށްފައެވެ.
"ޑރ.ޑެވަރަޖަންގެ އިރުޝާދާއި ލަފާގެ މަތިން ބައިނަލްއަގްވާމީ ފަރާތްތަކާއެކު އޮންނަ ގުޅުން ވަރުގަދަކުރުމަށާއި، ކޮވިޑް-19 ގެ ޕެންޑަމިކް ހާލަތުން އަރައިގަނެ، އިޤްތިސާދު އަލުން އާރާސްތުކޮށް، އަދި މިފަދަ ކަންކަމުން ރައްކާތެރިކުރެވިފައިވާ އިޤްތިސާދެއް ބިނާކުރުމަށް މަގުފަހިވާނެ" މިނިސްޓަރު އަމީރު ވިދާޅުވެފައިވެއެވެ.
ކޮވިޑް-19 އާއި ގުޅިގެން ރާއްޖޭގެ އިގްތިސާދު އަޑިއަޅާލުމަށްފަހު މި އަހަރު އިގްތިސާދު ރިކަވަރ ވާނެ ކަމަށް ވަނީ ލަފާކޮށްފައެވެ. އެހެންނަމަވެސް ކޮވިޑްގެ އިތުރު ރާޅަކާ އެކު އިގްތިސާަދު ކޮޅަށް ޖެހިދާނެކަމާ މެދު ވަނީ ސުވާލު އުފެދިފައެވެ.
އިދިކޮޅު ފަރާތްތަކުން އަންނަނީ ސަރުކާރުން އިގްތިސާދު ހިންގުމަށް ކުރަމުން އަންނަ ކަންކަން އަދި ވަކިން ހާއްސަކޮށް ފިނޭންސް މިނިސްޓަރު އަމީރްގެ މަސައްކަތްތަކާ މެދު ސުވާލު އުފައްދަމުންނެވެ.