މެންޗެސްޓަރ ސިޓީ 1-0 އިން ބަލިކޮށް ޗެލްސީން ޗެމްޕިއަންސް ލީގުގެ ތަށި ދެވަނަ ފަހަރަށް އުފުލާލައިފި އެވެ.
ޕޯޗުގަލްގައި މިރޭ ކުޅުނު ފައިނަލް މެޗުގައި ފެނިގެންދިޔަ ހަމައެކަނި ގޯލު ޗެލްސީ އަށް މެޗުގެ 42 ވަނަ މިނެޓްގައި ކައި ހަވެޓްޒް އެވެ. ހަވެޓްޒް މި ގޯލު ކާމިޔާބުކުރީ މޭސަން މައުންޓް ދިން ރީތި ޕާހަކުންނެވެ.
މި ގޯލާއެކު ފުރަތަމަ ހާފް ނިމުނުއިރު ދެވަނަ ހާފްގައި ލީޑު ފުޅާކޮށްލަން ޗެލްސީގެ ކްރިސްޓިއަން ޕުލިސިޗް އަށް ވަނީ ރަނުގެ ފުރުސަތެއް ލިބިގެން ގޮސްފައެވެ. ނަމަވެސް ހަވެޓްޒް ދިން ޕާހަކުން ޕުލިސިޗް ފޮނުވާލި ހަމަލާ ދިޔައީ ގޯލުގެ ކުޑަތަންކޮޅެއް ބޭރުންނެވެ.
ދެވަނަ ހާފްގައި ނަތީޖާ އެއްވަރުކުރަން ސިޓީން ވަރަށް ބޮޑަށް މަސައްކަތް ކުރިއިރު މި ހާފުގައި އެންމެ ރަނގަޅު ފުރުސަތެއް ލިބުނީ ސިޓީގެ ރިޔާދް މަހްރޭޒް އަށެވެ. ނަމަވެސް ޗެލްސީގެ ޕެނަލްޓީއޭރިއާގެ ބޭރުގައި ހުރެ މަހްރޭޒް ފޮނުވާލި ހަމަލާ ދިޔައީ ގޯލުގެ ކުޑަތަންކޮޅެއް ބޭރުންނެވެ.
މި ހާފުގައި ސިޓީން ދެން ތަނަވަސްކުރި ފުރުސަތުތައް ޗެލްސީގެ ޑިފެންޑަރުން ދިޔައީ ހުޝިޔާރުކަމާއެކު ދިފާއުކުރަމުންނެވެ. މިއީ ޗެލްސީ އަތުން ސިޓީ މި ސީޒަނުގައި ޖެހިޖެހިގެން ބަލިވި ތިންވަނަ ފަހަރުކަން ފާހަގަކޮށްލެވެއެވެ.
ޗެލްސީން ޗެމްޕިއަންސް ލީގު ދެވަނަ ފަހަރަށް ކާމިޔާބުކުރިއިރު، އެޓީމުން މި މުބާރާތް އެންމެ ފުރަތަމަ ކާމިޔާބުކުރީ 2012 ވަނަ އަހަރުއެވެ. އެފަހަރު އެ މުބާރާތް ޗެލްސީން ކާމިޔާބުކުރީ ބަޔާން މިއުނިކް ބަލިކުރުމަށްފަހުއެވެ.
އަނެއްކޮޅުން މިއީ ޗެމްޕިއަންސް ލީގުގެ ފައިނަލްގައި ސިޓީން ކުޅުނު ފުރަތަމަ ފަހަރެވެ. ސިޓީން ވަނީ މި ސީޒަނުގެ ޕްރިމިއާ ލީގާއި އިނގިރޭސި ލީގު ކަޕް ކާމިޔާބުކޮށްފައެވެ.