Last Updated: April 24, 12:03
Wednesday, April 24, 2024
ރިޕޯޓް އޭޝިއަން އެކަޑަމީ އޮފް އެރޮނޮޓިކްސް

ފްލައިން ސްކޫލް މައްސަލަ އިން އޭއޭއޭ ރެކެނީ، ސަރުކާރު ހިމޭނުން!

މި ދުވަސްވަރު އެންމެ ގަދައަށް ދެކެވޭ ވާހަކައަކީ އައްޑޫ ސިޓީ ގަމުގައި ހިންގާ ފްލައިން ސްކޫލް ދިވެހި ބަޔަކަށް ވިއްކާލައި ނުވަތަ ހިއްސާ ވިއްކާލުމަށްފަހު ދިވެހި ކޮލެޖެއް އެތަނާއި ހަވާލުވާން އުޅޭ ވާހަކައެވެ. ދިވެހި ބަޔަކު ފްލައިން ސްކޫލެއް ހިންގައި ދަރިވަރުންނަށް ހެޔޮ ގޮތްތަކެއް ވުމަކީ ރަނގަޅު ކަމެކެވެ.

ނަމަވެސް މިހާރު ފްލައިން ސްކޫލް ހިންގާ އޭއޭއޭ އިން ދަރިވަރުންނަށް އެތައް ހުވަފެންތަކެއް ދެއްކުމަށްފަހު ކޯސް ނިންމައި ނުދީ، މާލީ ގޮތުން ދަރިވަރުންނަށް ދިން ގެއްލުމުގެ ބަދަލެއް ވެސް ނުލިބި އަދި އެ ފަރާތްތައް ޖަވާބުދާރީ ވެސް ނުކުރެވި، ފިޔަވަޅެއް ވެސް ނޭޅި އޭއޭއޭ މައުސޫމު ބައެއްގެ ގޮތުގައި ދާން ދޫކޮށްލުމަކީ އިންސާފެއް ނޫނެވެ. އެފަދަ ގޮތަކަށް އެކަން ވެއްޖެނަމަ އެއީ ދަރިވަރުންނަށް ކުރެވޭ މަލާމާތެކެވެ.

ފްލައިން ސްކޫލްގެ މައްސަލައިގައި ރައްޔިތުންގެ މަޖިލީހުގެ ކޮމިޓީން މިއަހަރުގެ ކުރީކޮޅު ތައްޔާރުކުރި ރިޕޯޓުގައި ވެސް ފްލައިން ސްކޫލްގެ ދަރިވަރުންގެ ކިބައިން ނިގުޅައިގަނެވިފައިވާ ހައްގުތަކާއި އަދި ދަރިވަރުންނަށް މާލީ ގޮތުން ލިބިފައިވާ ގެއްލުންތަކުގެ ބަދަލު އޭއޭއޭގެ ކިބައިން ދަރިވަރުންނަށް ހޯދައިދިނުމަށް ސަރުކާރަށް ވަނީ އަންގާފައެވެ. ނަމަވެސް މިއަދާއި ހަމައަށް އައިއިރު ވެސް ސަރުކާރަށް އެކަމުގައި މާބޮޑު މަސައްކަތެއް ކުރެވިފައިވާތަނެއް ނުފެނުމަކީ ހިތާމައެކެވެ.

ފްލައިން ސްކޫލްގެ މައްސަލައިގައި ސަރުކާރުގެ އަމަލުތައް ފެންނަނީ މާބޮޑަށް ވެސް ލަސްކޮށެވެ. އެތައް ދަރިވަރުންގެ ހައްގުތަކެއް ގެއްލި، އަތުން އެތައް ފައިސާއެއް ހަރަދުވާއިރު މިކަމުގައި ފިޔަވަޅުތައް އަވަސް ވާންޖެހެއެވެ. ސްކޫލްގެ ހެޑް އޮފް ޓްރެއިނިން ސުރަންޖަން ޑި ސިލްވާ އަށް ފިޔަވަޅު އަޅަން ވެސް ސަރުކާރަށް ފަސް މަސް ނެގިއެވެ. ފްލައިން ސްކޫލްގެ މައްސަލައަށް 8 މަސް ވެގެންދިޔައިރު ދެން ސަރުކާރަށް ދެން ކުރެވުނުހާ ވެސް ކަމަކީ ބަޔާން ނެރުމެވެ. ފްލައިން ސްކޫލްގެ ކޮންޓްރެކްޓް އަންނަ ޖުލައި އަށް ހަމަވާއިރު ސަރުކާރުގެ ޕްލޭނެއް ސާފެއް ނޫނެވެ. ފްލައިން ސްކޫލް ހުއްޓުމަކަށް އައިސްފައިވާތާ ދެ މަސް ވެއްޖެއެވެ. ދަރިވަރުން ތިބީ ކުރިއަށްދާނެ ގޮތެއް ނެތި ވާނުވާގައެވެ. މިއީ ސަރުކާރުން ހިމެނޭނުން ތިބުމުގެ ބަދަލުގައި ދަރިވަރުންނަށް ކުރިއަށްދާނެ މަގެ ސާފުކޮށްދޭންވީ ވަގުތެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި ފްލައިން ސްކޫލްގެ ދަރިވަރަކު އަންނަނީ ގެއްލުމުގެ ބަދަލު ހޯދަން ކޯޓަށް މައްސަލައެއް ވެސް ވެއްދުމަށް ތައްޔާރުވަމުންނެވެ. އަދި އިތުރު ދަރިވަރުންތަކެއް ވެސް ބަދަލު ހޯދަން ކޯޓަށް މައްސަލަތަކެއް ވެއްދުމަކީ ވެސް އެކަށީގެންވާ ކަމެކެވެ. މިފަދަ ވަގުތެއްގައި އޭއޭއޭ އިން އެ ކުންފުނީގެ ހަރުމުދާތައް ވިއްކާލައިފިނަމަ އެއީ ދަރިވަރުން ބަދަލު ހޯދަން ކުރާ މަސައްކަތަށް އެޅޭނެ ބޮޑު ހުރަހެކެވެ. އަދި ހިއްސާ ވިއްކާލުމަކީ ދަރިވަރުން އިންސާފު ހޯދަން މިއޮތްހާ ދުވަހު ކުރި މަސައްކަތް ފެނަށް ދިޔުން ކަހަލަ ކަމެކެވެ. މިކަމުގައި ވެސް ސަރުކާރުގެ ޕްލޭނެއް ސާފެއް ނޫނެވެ.

ދަރިވަރުންގެ ކުރިމަތީގައި އޭއޭއޭގެ އަގުވެއްޓިފައިވާ މި ދަނޑިވަޅުގައި ފްލައިން ސްކޫލްގެ ހިންގުން ދިވެހި ބައެއްގެ އަތްމައްޗަށް ދޫކޮށްލާއިރު ކުރިއަށް އޮތް ތަނުގައި ވެސް އޭއޭއޭގެ އެއްވެސް ބައިވެރިވުމެއް މިކަމުގައި ނޯންނާނެކަން ސަރުކާރުން ކަށަވަރު ކުރަންޖެހެއެވެ. އެގޮތުން ދިވެހި ބައެއްގެ ނިވާފަނގަޑުގައި ތިބެގެން ބާރު ދަމަހައްޓައި އަދި ވިޔަފާރި ކުރިއެރުމުގެ ބޭނުމެއް މިކަމުގެ ފަހަތުގައި ނެތްކަން ސަރުކާރުން ކަށަވަރު ކުރުމަކީ ދަރިވަރުންގެ ހައްގުގައި ކުރަންޖެހޭ ކަމެކެވެ.