ގެދޮރު އިމާރާތް ކުރުމުގެ ތަޖުރިބާ ނެތް އިންޑިއާ ކުންފުންޏަކަށް 140 މިލިއަން ޑޮލަރުގެ ހައުސިން ޕްރޮޖެކެޓެއް ހަވާލުކޮށްފިއެވެ.
ސަރުކާރުގެ ބޯހިޔާވަހިކަމުގެ ސިޔާސަތުގެ ދަށުން 2000 ސޯޝަލް ހައުސިންގ ޔުނިޓް ހުޅުމާލެ ފޭސް 2 ގައި އިމާރާތްކުރުމަށް ހަވާލުކޮށްފައިވަނީ އިންޑިއާގެ ކުންފުންޏެއް ކަމަށްވާ އަޝޯކާ ބިލްޑްކޮން ލިމިޓެޑާއެވެ. އެކުންފުންޏަށް މި ޕްރޮޖެކްޓް ހަވާލުކޮށްފައިވަނީ ފަސޭހަ ދިރިއުޅުން ކޯޕަރޭޝަންގެ ފަރާތުންނެވެ.
އަޝޯކާ ބިލްޑްކޮން ލިމިޓެޑަކީ ހައިވޭ އަދި ބްރިޖް ތަރައްގީ ކުރުމުގެ އިތުރުން ޕަވަރ ޓްރާންސްމިޝަން އަދި ޑިސްޓްރިބިއުޝަންގެ މަސައްކަތްތައް ކުރަމުން އައިސްފައިވާ ކުންފުންޏެކެވެ.
މީގެ ކުރިން ގެދޮރު އިމާރާތްކުރުމުގެ އެއްވެސް ޕްރޮޖެކްޓެއް ހިންގާފައިނެތް މި ކުންފުންނަށް ސަރުކާރުގެ ބޯހިޔާވަހިކަމުގެ މަަޝްރޫއުގެ ދަށުން 140 މިލިއަން ޑޮލަރުގެ ޕްރޮޖެކްޓެއް ހަވާލުކޮށް ފަސޭހަ ދިރިއުޅުން ކޯޕަރޭޝަނުން އެއްބަސްވުމުގައި ސޮއިކޮށްފައިވަނީ މޭ 27 ވަނަ ދުވަހުއެވެ.
މި މަޝްރޫއުގެދަށުން 650 އަކަފޫޓުގެ 2 ކޮޓަރީ ގެ 500 ޔުނިޓް އަދި 900 އަކަފޫޓުގެ 3 ކޮޓަރީ ގެ 1500 ޔުނިޓް އިމާރާތްކުރުމަށް ވަނީ ހަވާލުކޮށްފައެވެ. 140 މިލިއަން އެމެރިކާ ޑޮލަރުގެ މިމަޝްރޫއު ކުރުޔިށްގެންދިއުމަށް ރޭވިފައިވަނީ އެކްސްޕޯރޓް އިމްޕޯރޓް ބޭންކް އޮފް އިންޑިއާ (އެގްޒިމް ބޭންކް) ގެ ލޯން އެހީގެ ދަށުންނެވެ. މިމަޝްރޫޢު ފުރިހަމަކުރުމަށް 3 އަހަރުގެ މުއްދަތެއް ދީފައިވެއެވެ.