ހދ. ކުޅުދުއްފުށީގައި ޒުވާނަކު ރަހީނުކޮށް އަނިޔާކުރުމުން ހާލު ސީރިއަސްވެ އިތުރު ފަރުވާއަށް މާލެ ގެނައުމުގެ މަސައްކަތް ފަށައިފިއެވެ.
ފުލުހުން ބުނެފައިވަނީ ރޭ 20:48 ހާއިރު މޫނު ނިވާކޮށްގެން ތިބި ބަޔަކު 29 އަހަރުގެ ޒުވާނަކު ރަހީނުކޮށް ކާރަކަށް އަރުވައިގެން ގެންދިޔަކަމުގެ ރިޕޯޓް ލިބިފައިވާކަމަށެވެ. އަދި އޭނާ ރަހީނުކޮށްގެން ގެންދިއުމަށްފަހު ބޮޑެތި އަނިޔާތައް ކޮށްފައިވާކަމަށް ބުނެފައިވެއެވެ.
އެ ޒުވާނާއަށް ލިބިފައިވާ އަނިޔާތަކަށް ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލުގައި ފަރުވާ ދެމުން އަންނައިރު އިތުރު ފަރުވާއަށް މާލެ ގެނައުމުގެ މަސައްކަތް ކުރަމުން އަންނަކަމަށް މައުލޫމާތު ލިބިފައިވެއެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި މި ޒުވާނާގެ ބޮޅުގެ ނާށިގަނޑު ފަޅައިގެން ގޮސް ސިކުނޑިއަށް ލޭ އަރާފައިވާއިރު އޭނާގެ ހާލު ސީރިއަސްއެވެ.
ފުލުހުން ބުނެފައިވަނީ މި މައްސަލަ އެ އިދާރާއިން ތަހުގީގު ކުރަމުން އަންނަކަމަށެވެ.