ޓެރަރިސްޓުން ބަންދުގައި ބޭތިއްބުމަށް ހުރި ހުރަސްތައް ދެނެގަތުމަށް ބަންޑާރަނައިބު އިބްރާހިމް ރިފްއަތާ ސުވާލު ކުރުމަށް މަޖިލީހަށް ހުށަހަޅައިފިއެވެ.
ސުވާލު ކުރުމަށް ރިއްފަތު މަޖިލީހަށް ހާޒިރު ކުރުމަށް ހުށަހަޅުއްވާފައިވަނީ އުނގޫފާރު ދާއިރާގެ މެމްބަރު މުހައްމަދު ވަހީދެވެ.
ވަހީދުގެ ސުވާލުގައި ބުނެފައިވަނީ، ޓެރަރިޒަމް މަނާކުރުމުގެ ޤާނޫނު އޮތް ގޮތުން މުޖްތަމައަށް ނުރައްކާތެރި ފަރާތްތައް ބަންދުގައި ބައިތިއްބޭނެ ގޮތެއް އަދިވެސް ނެތް ކަމަށާއި، އެފަރާތްތައް ބަންދުން ދޫކޮށްލައި ރީހެބިލިޓޭޝަން ޕްރޮގްރާމެއް ހިންގުމަށް ދައުލަތުގެ ބެލުމުގެ ދަށުގައި ބައިތިއްބަން އަދިވެސް އެ ގާނޫނުން ޖާގަނުދޭކަމަށް މަޖިލީހުގެ ޖަލްސާއެއްގައި ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ވިދާޅުވެފައިވާކަމަށެވެ.
އެހެންކަމުން އެފަދަ ނުރައްކާތެރި ފަރާތްތައް ބަންދުގައި ބޭތިއްބުމަށް ގާނޫނީގޮތުން ހުރި ހުރަސްތަކަކީ ކޮބައިތޯއާއި އެކަން ފުރިހަމަކުރާނެ ގޮތާއި ގުޅޭގޮތުނާއި އަދި މިފަދަ މައްސަލައަކަށް ޤާނޫނީ ފަރުވާއެއް ނުލިބި ދިގުލައިގެންދަނީ ކީއްވެތޯ ވަހީދުގެ ސުވާލުގައި ވެއެވެ.
މޭ 24 ވަނަ ދުވަހު މަޖިލީހުގެ ޖަލްސާގައި މެމްބަރުން ކުރިމަތި ކުރުވި ސުވާލުތަކަށް ޖަވާބު ދެއްވަމުން މިނިސްޓަރު އިމްރާން ވިދާޅުވީ، ހަރުކަށި ފިކުރާ ގުޅޭ އޮޕަރޭޝަނެއްގައި އައްޑުސީޓީން ހައްޔަރު ކުރި ނުވަ މީހުންގެ ތެރެއިން އެކަކު މިނިވަންވެފައިވާކަމަށެވެ. އަދި އަދި ދެން ތިބި މީހުނަށްވެސް ކޯޓުން މުއްދަތު އިތުރު ކޮށްދޭނެ ކަމާމެދު ޝައްކުއުފެދޭ ކަމަށެވެ. މިނިސްޓަރު އިމްރާން ވިދާޅުވީ ޓެރަރިޒަމް މަނާ ކުރުމުގެ ޤާނޫނު އަދިވެސް އޮތީ އެންމެ އެކަށީގެންވާ ގޮތަށް ނޫންކަމަށެވެ.