މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ ސެކިއުރިޓީއާ ގުޅޭ ތަފްސީލީ މައުލޫމާތުތަކެއް ހާމަވުމުން ޑިފެންސް މިނިސްޓަރު މާރިޔާ ދީދީގެ އިތުބާރު ނެތްކަމަށް ނަގަން ނުކެރިގެން އުޅެންވީ ކީއްވެތޯ ފޭދޫ ދާއިރާގެ މެމްބަރު މުހައްމަދު ނިހާދު ސުވާލު އުފައްދަވައިފިއެވެ.
ނިހާދު މިފަދައިން ވިދާޅުވެ ވާހަކަ ދައްކަވާފައިވަނީ، މަޖިލީހުގެ ރައިސް މުހައްމަދު ނަޝިދަށް ހިމާޔަތާއި ރައްކާތެރިކަން ފޯރުކޮށްދިނުމުގެ ތެރޭގައި ތަފްސީލީ މައުލޫމާތު ހާމަވެފައިވާ މައްސަލައިގައި މަޖިލީހުގައި ވާހަކަދައްކަވަމުންނެވެ.
އެގޮތުން ނިހާދު ވިދާޅުވީ މޭ 6 ވަނަ ދުވަހު ރައިސް ނަޝީދަށް އަމާޒުކޮށް ދިން ހަމަލާއަކީ މުޅިޤައުމަށް އަމާޒުކޮށް ދީފައިވާ ޓެރަރިސްޓް ހަމަލާއެއްކަމަށެވެ. ނިހާދު ވިދާޅުވީ ހަމަލާއަށް މިއަދާހަމައަށް 25 ދުވަސް ވީއިރު ކުރެވުނު ކަމެއް ނެތްކަމަށެވެ.
ނިހާދު ވިދާޅުވީ އިންޓަނެޓް އަގުހެޔޮ ނުކުރި ކަމަށް ބުނެ މަލީހްގެ އިތުބާރު ނެތްކަމަށް މަޖިލީހުން ފާސްކުރި ކަމަށާއި، އަދި އެގޮތަށް އެކި ވަޒީރުންނާގެ ކަންކަމުގައި ކުރަންޖެހުނު މަސައްކަތްތައް ކުރި ކަމަށެވެ.
މިމައްސަލައިގައި ކޮންމެ މެމްބަރަކުވެސް ތެދުވެ ވާހަކަދައްކާއިރު އެމްއެންޑީއެފްގެ އިހުމާލު އޮތްކަމަށް ބުނަމުން އަންނަކަން ފާހަގަކޮށް ނިހާދު ވަނީ ޑިފެންސް މިނިސްޓަރު މާރިޔާގެ އިތުބާރު ނެތްކަމަށް ނަގަން ނުކެރިގެން އުޅެނީ ކީއްވެތޯ ސުވާލު އުފައްދަވާފައެވެ.
"އެމްޑީޕީއަށް ނިސްބަތްވާ ބޭފުޅަކަށްވީތީ މިއޮށް ބޮޑު ޓެރަރިޒަމްގެ ހަމަލާ ހިނގި އުހުމާލު ވެފައިވާ ފަރާތަކާ ދޭތެރޭ ފިޔަވަޅެއް އަޅަން ނުކެރި ފަސްޖެހިފައި ތިބެންޖެހޭ ސަބަބަކީ ކޮބައިތޯ؟" ނިހާދު ވިދާޅުވިއެވެ.
ނިހާދު ވިދާޅުވީ މިކަން ރަނގަޅަށް ނުބެލި ދެން ސަލާމަތްތެރިކަން ޔަގީން ނުކުރެވޭނެކަމަށެވެ.