ރައްޔިތުންގެ މަޖިލީހުން ނޫސްވެރިކަމުގެ މިނިވަންކަމަށް ހުރަސްއަޅަން ނޫޅޭކަމަށް ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު މީކާއިލް އަހުމަދު ނަސީމް ވިދާޅުވެއްޖެއެވެ.
މީކާއިލް މިފަދައިން ވިދާޅުވެފައިވަނީ، މަޖިލީހުގެ ރައިސް މުހައްމަދު ނަޝިދަށް ހިމާޔަތާއި ރައްކާތެރިކަން ފޯރުކޮށްދިނުމުގެ ތެރޭގައި ތަފްސީލީ މައުލޫމާތު ހާމަވެފައިވާ މައްސަލައިގައި މަޖިލީހުގައި ވާހަކަދައްކަވަމުންނެވެ.
އެގޮތުން މީކާއިލް ވިދާޅުވީ ރައީސް ނަޝީދުގެ ސެކިއުރިޓީއާ ގުޅޭ މައުލޫމާތު ހާމަވުމުން އެވަހަކަ އެހެން ގޮތަކަށް ބަދަލުކުރުމަށް ބަޔަކު މަސައްކަތް ކުރާކަމަށެވެ. އެގޮތުން މަޖިލީހުގެ ކޮމިޓީއަކުން އަދި މަޖިލީހުން ނޫސްވެރިކަމުގެ މިނިވަންކަމަށް އަރައިގަތުމަށް މަސައްކަތް ކުރާކަމަށް ތުހުމަތުކޮށް ނުބައި ތަސައްވަރެއް ފެތުރުމަށް މަސައްކަތްކުރަމުން އަންނަކަމަށް މީކާއިލް ވިދާޅުވިއެވެ.
"އެއްވެސް ހާލެއްގައި މިއުޅެނީ ނޫސްވެރިކަމުގެ ހައްގައް އަރައިގަންނާކަށް ނޫން. ނުވަތަ ނޫސްވެރިންނަށް އެމީހުންގެ އެ މައުލޫމާތުތަކުގެ މަސްދަރު ހާމަކުރުމަށް އެއްވެސް ބަޔަކު މަޖުބޫރު ކުރާކަށް ނޫޅޭ." މީކާއިލް ވިދާޅުވިއެވެ.
މީކާއިލް ވިދާޅުވީ މި މައްސަލައިގައި ކަންބޮޑުވަނީ ދިފާއީ ބާރު ފޫގޮސްފައި އޮތްކަމަށް ފެންނާތީ ކަމަށާއި، އަދި ވަކިބައެއްގެ ރައްކާތެރިކަމަށް ހުރަސްއެޅޭ ގޮތަށް ވާހަކަތަކެއް ދައްކާފައި ހުރުމުންކަމަށެވެ. އަދި މި މައްސަލައަކީ ފުރިހަމައަށް ތަހުގީގުކޮށް އެމްއެންޑީއެފްގެ ތެރެއިން މިވާހަކަތައް މީޑިއާއަށް ލީކްކުރާ ފަރާތްތައް ދެނެގަނެ އެފަރާތްތަކަށް ހަރުކަށި ފިޔަވަޅުއެޅި، އެމްއެންޑީއެފްގެ ވަޒީފާއިން އެ ފަރާތެއް ދުރުކުރެވެންޖެހޭކަމަށް މީކާއިލް ވިދާޅުވިއެވެ.