މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ ސެކިއުރިޓީއާ ގުޅޭ ތަފްސީލީ މައުލޫމާތުތަކެއް ހާމަވުމުން އެކަމާ ގުޅިގެން ސަލާމަތީ ބާރުން އެއްޗެއް ނުބުނެ އޮތުމުން ކަންބޮޑުވާކަމަށް މާފަންނު އުތުރު ދާއިރާގެ މެމްބަރު އިމްތިޔާޒް ފަހުމީ ވިދާޅުވެއްޖެއެވެ.
އިމްތިޔާޒް މިފަދައިން ވިދާޅުވެ ވާހަކަ ދައްކަވާފައިވަނީ، މަޖިލީހުގެ ރައިސް މުހައްމަދު ނަޝިދަށް ހިމާޔަތާއި ރައްކާތެރިކަން ފޯރުކޮށްދިނުމުގެ ތެރޭގައި ތަފްސީލީ މައުލޫމާތު ހާމަވެފައިވާ މައްސަލައިގައި މަޖިލީހުގައި ވާހަކަދައްކަވަމުންނެވެ.
އެގޮތުން އިމްތިޔާޒް ވިދާޅުވީ އަމިއްލަގެއިން ވައްކަން ކުރާގޮތަށް އެމްއެންޑީއެފްގެ މައުލޫމާތު މީޑިއާއަށް ހާމަކޮށް ހިންގާފައިވަނީ ބޮޑު ޖަރީމާއެއް ކަމަށެވެ.
އިންތި ވިދާޅުވީ ރައީސް ނަޝިދުގެ ސެކިއުރިޓީގެ މައުލޫމާތު ހާމަކޮށް އެކަން ނޫހެއްގައި ޖެހިއިރުވެސް، މިހާތަނަށް ސަލާމަތީ ބާރުތަކުން އެކަމުގައި އެއްޗެއް ނުބުނެ އޮތުމަކީ ވަރަށް ގޯސް މެސެޖެއް ދޭ ކަމެއްކަމަށާއި، އަދި އެކަމާމެދު ކަންބޮޑުވާކަމަށެވެ.
"އޭގެން ބުނެދޭ އެއްވާހަކައަކި އެ އިއުތިރާފްވަނީ. ތިމަންނަމެން ދިން މައުލޫމާތެއް ކަމަށް އިއުތިރާފްވަނީ. އަޅުގަނޑު ވަރަށް ކަންބޮޑުވޭ. މިއީ ގުޅިގެން އެތެރެއިން ގުޅިގެން ހިންގި ބޮޑު ޕްރޮޕެގެންޑާއެއް." އިންތި ވިދާޅުވިއެވެ.
މީގެ އިތުރުން އިމްތިޔާޒް ވިދާޅުވީ މިވަގުތު އޮތް އެންމެ ބޮޑު މައްސަލައަކަށް ވާންޖެހޭނީ މި މައްސަލަކަމަށާއި، އަދި މިކަން ހިނގާދިޔަގޮތް ބަލަންޖެހޭ ކަމަށެވެ. މިކަމުގެ ސަބަބުން ވިކްޓިމް އިތުރަށް ވިކްޓަމައިޒް ވެގެންދާގޮތް ވެފައިވާކަމަށް އިންތި ވިދާޅުވިއެވެ.