މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދަށް އަމާޒުކޮށް ދިން ބޮމުގެ ހަމަލާގެ ފޯކަސް ގެއްލުވާލުމަށް ބަޔަކު މަސައްކަތް ކުރަމުން އަންނަ ކަމަށް އުނގޫފާރު ދާއިރާގެ މެމްބަރު މުހައްމަދު ވަހީދު (ވައްޑޭ) ވިދާޅުވެއްޖެއެވެ.
ވައްޑޭ މިފަދައިން ވިދާޅުވެފައިވަނީ، މަޖިލީހުގެ ރައިސް މުހައްމަދު ނަޝިދަށް ހިމާޔަތާއި ރައްކާތެރިކަން ފޯރުކޮށްދިނުމުގެ ތެރޭގައި ތަފްސީލީ މައުލޫމާތު ހާމަވެފައިވާ މައްސަލައިގައި މަޖިލީހުގައި ވާހަކަދައްކަވަމުންނެވެ.
އެގޮތުން ވާހަކަ ދައްކަވަމުން ވައްޑޭ ވިދާޅުވީ، ރައީސް ނަޝީދަށް ހަމަލާ ދިންތާ 25 ދުވަސް ވެގެންދިޔައިރު މިކަމަކީ ހަމައެކަނި މިހާރު ހައްޔަރުކޮށްފައި ތިބި 4 މީހުންނާއި ހިސާބުން ނިމޭނެ މައްސަލައެއް ނޫންކަން ސަލާމަތީ ފަރާތްތަކުން ފާހަގަކޮށްފައިވާކަމަށެވެ. އެގޮތުން ފައިސާ ހަރަދުކުރި ބަޔަކާ ރޭވި ބަޔަކު ވާނެކަން އެ ފަރާތްތަކުން ފާހަގަކުރިކަން ފާހަގަކޮށް ވައްޑެ ވިދާޅުވީ އެއިން އެއްވެސް ފަރާތެއް އަދިވެސް ހޯދިފައިނުވާކަމަށެވެ.
މި މައްސަލައިގެ ފޯކަސް ގެއްލުވާލުމަށް ކުރެވެނުހާ ކަމެއް ބަޔަކު ކުރަމުން އަންނަކަަމަށްވެސް ވައްޑޭ ތުހުމަތު ކުރެއްވިއެވެ.
ވައްޑޭ ވިދާޅުވީ ވެރިކަމެއް ކުރަނީ ރައްޔިތުންގެ ހިތަށް ތަސައްލީއެއް ގެނެސްދޭން ކަމަށާއި، މި ވެރިކަން ގެނައުމަށްވެސް ގިނަ ވައުދުތައް ވެފައިވާކަމަށެވެ. އެގޮތުން ގޮތްނޭންގޭ މަރުތަކާއި ކަންކަން ބަލާ އިންސާފު ހޯދައިދޭނެކަމަށް ބުނެފައިވާކަމަށާއި، އެހެންނަމަވެސް އެންމެ ވަރުގަދަ ސެކިއުރިޓީ ފޯރުކޮށްދޭ ފަރާތަށް ދިން ހަމަލާގެ މައްސަލަ ނުބެލި ލަސްވާއިރު ދެން އާންމު ރައްޔިތުންގެ ކަންކަމުގައި ވާނެގޮތާމެދު ސުވާލު އުފެދޭކަމަށް ވިދާޅުވިއެވެ.
އަދި ރައީސް ނަޝިދުގެ ސެކިއުރިޓީގެ މައުލޫމާތު މީޑިއާއަކަށް ހިއްސާ ކުރިއިރު އެކަން ސަލާމަތީ ބާރުތަކުން ދޮގުކޮށްފައި ނެތީތީ ކަންބޮޑުވާކަމަށްވެސް ވައްޑޭ ވިދާޅުވިއެވެ.