ހދ. ކުޅުދުއްފުށީގައި ޒުވާނަކު ރަހީނުކޮށް ބޮޑެތި އަނިޔާތަކެއް ދިން މައްސަލައިގައި ދެ މީހުން ހައްޔަރު ކޮށްފިއެވެ.
ފުލުހުން ބުނެފައިވަނީ މޭ 29 ވަނަ ދުވަހުގެ ރޭ ކުޅުދުއްފުށީގައި މީހަކަށް އަނިޔާކުރި މައްސަލައާ ގުޅިގެން ކޯޓު އަމުރެއްގެ ދަށުން 24 އަހަރާއި 25 އަހަރާގެ ދިވެހި 2 ފިރިހެނުން ހައްޔަރުކޮށްފައިވާކަމަށެވެ.
އޭގެއިތުރުން އެޒުވާނާ އެރުވި ކަމަށް ބެލެވޭ ކާރު ވެސް ކޯޓު އަމުރެއްގެ ދަށުން ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވާ ކަމަށް ފުލުހުން ބުނެފައިވެއެވެ. އަދި މި މައްސަލަ އިތުރަށް ތަހުގީގު ކުރަމުން އަންނަކަމަށް ވަނީ ބުނެފައެވެ.
އަނިޔާކޮށްފައިވާ ޒުވާނާގެ ބޮލުގެ ނާށިގަނޑު ފަޅައިގެންގޮސް ސިކުނޑިއަށް ވަނީ ލޭވެސް އެޅިފައެވެ. އަދި އިތުރު ފަރުވާއަށް މާލެ ގެނެސް އޭޑީކޭ ހޮސްޕިޓަލުގައި އޮޕަރޭޝަންތަކެއް ކޮށްފައިވާކަމަށް މައުލޫމާތުލިބެއެވެ. އެ ޒުވާނާގެ ހާލު ސީރިއަސްކަމުން އަދިވެސް ފަރުވާދެމުން އަންނަނީ އައިސީޔޫގައެވެ.