Last Updated: June 28, 18:47
Sunday, June 28, 2026
ޚަބަރު

ސަރުކާރުން ހިސާން ދިފާއު ނުކުރާތީ ދިޔާނާގެ ކަންބޮޑުވުން

ހިސާން ހުސެއިން - ފޮޓޯ: މަޖިލިސް

މުސްލިމަކަށް ކާފަރެއްގެ ތުހުމަތު ކުރުން ކުށެއްގެ ގޮތުގައި ކަނޑައެޅުމަށް، ޤާނޫނުލްޢުޤޫބާތު އަށް އިސްލާހު ގެނައުމުގެ ބިލު ސަރުކާރުގެ ފަރާތުން މަޖިލީހަށް ހުށަހެޅި ތުޅާދޫ ދާއިރާގެ މެމްބަރު ހިސާން ހުސައިނަށް ގިނަ ބަޔަކު ސޯޝަލް މީޑިއާގައި ފާޑުކިޔަމުން އަންނައިރު، ހިސާނުގެ ދިފާއުގައި ސަރުކާރުން އެއްޗެއް ނުބުނެ އޮތުމުން ކުރީގެ ބަންޑާރަ ނައިބު ދިޔާނާ ސައީދު ކަންބޮޑުވުން ފާޅުކުރައްވައިފިއެވެ.

ދިޔާނާ ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައިވަނީ، ސަރުކާރުގެ ފަރާތުން ބިލު ހުށަހެޅުއްވި މެމްބަރާ ދިމާކޮށް "ނޮޅާއިރުވެސް" ސަރުކާރުގެ ފްރޮންޓްލައިން އޮންނަނީ އަނގަމަތީގައި ޓޭޕްގައި އަޅައިގެންކަމަށެވެ.

އަދި ރައީސް ސޯލިހްގެ ކެބިނެޓްގެ ގިނަ ވަޒީރުން ތިއްބެވީ ބޮޑު ވަރިހަމައެއްގައި ކަމަށް ދިޔާނާ ވިދާޅުވިއެވެ.

މުސްލިމަކަށް ކާފަރެއްގެ ތުހުމަތު ކުރުމަކީ ކުށެއްގެ ގޮތުގައި ހެދުމަށް ސަރުކާރުން މަޖިލީހަށް ފޮނުވި ބިލާއެކު ގިނަ ދީނީ އިލްމުވެރިންނާއި ބައެއް އާންމުން އަންނަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ. އެގޮތުން ދީނާ ހިލާފު ހިޔާލުތައް ފާޅުކުރުމަކީވެސް ކުށަކަށް ހެދުމަށް އަންނަނީ ގޮވާލަމުންނެވެ.

ހުށަހަޅާފައިވާ އިސްލާހުތަކުގެ ތެރޭގައި އާންމު ތަނެއްގައި ވަކި މީހަކީ އިސްލާމްދީނާ ހިލާފަށް އުޅޭ ނުވަތަަ އިސްލާމްދީނާ ދެކޮޅު މީހެއް ކަމަށް ތުހުމަތު ކުރުމާއި އިސްލާމީ އަގީދާއާ ގުޅުވައި މުޖުތަމައުގައި މީހަކާމެދު ނަފްރަތު އުފެއްދުން ކުށަކަށް ހެދުމަށް ވަނީ ހުށަހަޅާފައެވެ.

އަދި އާންމު ތަނެއްގައި މުސްލިމަކު ކާފަރެއްކަމަށް ސިފަކުރުން ނުވަތަ ސިފަކުރުމުގައި ބައިވެރިވުމާއި، އާންމު ތަނެއްގައި މުސްލިމަކު ކާފަރެއްކަމަށް ތުހުމަތުކުރުން ވެސް ކުށަކަށް ހަދަން ވަނީ އިސްލާހު ހުށަހަޅާފައެވެ.