Last Updated: June 28, 18:47
Sunday, June 28, 2026
ޚަބަރު

ލާދީނީ މީހަކު، ދީނީ މީހަކަށް ނުވާނެ: އިޔާޒް

ޑރ. މުހައްމަދު އިޔާޒް

ކޮންމެ ގޮތަކަށް ޤާނޫނު ފާސްކުރިޔަސް ލާދީނީ މީހަކު، ދީނީ މީހަކަށް ނުވާނެ ކަމަށް ދީނީ އިލްމުވެރިޔާ ޑރ. މުހައްމަދު އިޔާޒް ވިދާޅުވެއްޖެއެވެ.

އިޔާޒް މިފަދައިން ވިދާޅުވެ ޓްވީޓްތަކެއް ކުރައްވާފައިވަނީ، މުސްލިމަކަށް ކާފަރެއްގެ ތުހުމަތު ކުރުން ކުށެއްގެ ގޮތުގައި ކަނޑައެޅުމަށް، ޤާނޫނުލްޢުޤޫބާތު އަށް އިސްލާހު ގެނައުމުގެ ބިލު ސަރުކާރުގެ ފަރާތުން މަޖިލީހަށް ހުށަހެޅުމާ ގުޅިގެންނެވެ.

އިޔާޒް ކުރެއްވި ޓްވީޓެއްގައި ބުނެފައިވަނީ، ކޮންމެ ގޮތަކަށް ޤާނޫނު ފާސްކުރި ނަމަވެސް ލާދީނީ މީހަކު، ދީނީ މީހަކަށް ނުވާނެ ކަމަށެވެ. އަދި އެފަދަ މީހުންގެ ނުރައްކާތެރިކަން ހާމަކޮށް ފާޅުކުރަންޖެހޭ ކަމަށްވެސް ބުނެފައިވެއެވެ.

މީގެ އިތުރުންވެސް އިޔާޒްގެ ޓްވީޓެއްގައި ބުނެފައިވަނީ، ބިރު ދެއްކިޔަސް، ޖަލަށްލިޔަސް އަދި ހަވަރަށް ދިނަސް، ހަގީގަތް ވާނީ ހަގީގަތަށް ކަމަށެވެ. އަދި ލާދީނީ މީހުންނަކީ ހަރުކަށި ފިކުރުގެ މީހުނަށްވުރެއް 100 ގުނަ ނުރައްކާ ބޮޑުބަޔެއްކަމަށް ބުނެފައިވެއެވެ.

މުސްލިމަކަށް ކާފަރެއްގެ ތުހުމަތު ކުރުން ކުށެއްގެ ގޮތުގައި ކަނޑައެޅުމަށް، ޤާނޫނުލްޢުޤޫބާތު އަށް އިސްލާހު ގެނައުމުގެ ބިލު މަޖިލީހަށް ހުށަހެޅުމުން ބައެއް ދީނީ އިލްމުވެރިން އަންނަނީ ސޯޝަލްމީޑިއާގައި ނުރުހުން ފާޅުކުރަމުންނެވެ.

ހުށަހަޅާފައިވާ އިސްލާހުތަކުގެ ތެރޭގައި އާންމު ތަނެއްގައި ވަކި މީހަކީ އިސްލާމްދީނާ ހިލާފަށް އުޅޭ ނުވަތަަ އިސްލާމްދީނާ ދެކޮޅު މީހެއް ކަމަށް ތުހުމަތު ކުރުމާއި އިސްލާމީ އަގީދާއާ ގުޅުވައި މުޖުތަމައުގައި މީހަކާމެދު ނަފްރަތު އުފެއްދުން ކުށަކަށް ހެދުމަށް ވަނީ ހުށަހަޅާފައެވެ.

އަދި އާންމު ތަނެއްގައި މުސްލިމަކު ކާފަރުކުރުން ސިފަކުރުން ނުވަތަ ސިފަކުރުމުގައި ބައިވެރިވުމާއި، އާންމު ތަނެއްގައި މުސްލިމަކު ކާފަރެއްކަމަށް ތުހުމަތުކުރުން ވެސް ކުށަކަށް ހަދަން ވަނީ އިސްލާހު ހުށަހަޅާފައެވެ.