މޭ 26 ވަނަ ދުވަހުގެ ރޭ މާލޭގައި ހިނގި އެކްސިޑެންޓްގައި ސައިކަލު ދުއްވަން އިން މީހާ ހައްޔަރު ކޮށްފިއެވެ.
އެ މައްސަލައިގައި ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ އިއްޔަ ހަވީރު 05:00 ހާއިރު އެމީހާ ކޯޓު އަމުރެއްގަ ދަށުން ހައްޔަރު ކޮށްފައިވާ ކަމަށެވެ.
ހައްޔަރު ކޮށްފައިވަނީ 26 އަހަރުގެ ދިވެހި ފިރިހެނެކެވެ.
ހުވަފެނީ ގޯޅީގައި ބާއްވާފައި އޮތް ގާޑިޔަލެއްގައި ދުއްވާފައި ދިޔަ ސައިކަލެއް ޖެހި އެކްސިޑެންޓް ހިނގާ، މަރުވެފައިވަނީ އެ ސައިކަލުގެ ފަހަތުގައި އިން އުމުރުން 22 އަހަރުގެ އިސްމާއިލް ޔަޒްދާން އަލީ އެވެ. އޭނާ މަރުވެފައިވަނީ ކަރަށް ގާޑިޔާގެ ބައެއް ހެރުމާ ގުޅިގެންނެވެ.
މި އެކްސިޑެންޓުގައި ސައިކަލު ދުއްވަން އިން މީހާ މިހާރު ހައްޔަރު ކޮށްފައިވާއިރު އޭނާ ވަނީ އެކްސިޑެންޓަށް ފަހު އެސަރަހައްދުގައި މަޑުނުކޮށް ފިލާފައިވާއެވެ.