ހަރުކަށި ފިކުރުގެ މައްސަލަތަކުގައި އައްޑޫއިން މި ފަހުން ހައްޔަރު ކުރި މީހުންގެ ތެރެއިން ކޯޓުން ދޫކޮށްލި ފަސް މީހުންގެ މައްސަލަ އިސްތިއުނާފުކޮށްދޭން ފުލުހުން އެދެފިއެވެ.
ފުލުހުން ބުނެފައިވަނީ ހަރުކަށި ފިކުރުގެ މައްސަލައިގައި އައްޑުން ހައްޔަރު ކުރި މީހުންގެ ތެރެއިން 5 މީހުން ދޫކޮށްލަން ކޯޓުން އަމުރުކުރި މައްސަލަ އިސްތިއުނާފު ކޮށްދޭން ޕީޖީގައި އެދިފައިވާ ކަމަށެވެ.
މިފަހުން ފުލުހުން ހިންގި ހަރުކަށި ފިކުރުގެ އޮޕަރޭޝަންތަކުގެ ތެރެއިން އައްޑޫއިން ފުލުހުން ވަނީ ނުވަ މީހުން ހައްޔަރު ކޮށްފައެވެ. އޭގެތެރެއިން އެކަކު ދޫކޮށްލާފައިވާކަން ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ދާދިފަހުން ވަނީ ވިދާޅުވެފައެވެ.
ފުލުހުން ހައްޔަރު ކުރި ބައެއް މީހުންގެ ގެތަށް ޗެކްކޮށް ބައެއް ސާމާންތައް ވަނީ ގެންގޮސްފައެވެ. އެގޮތުން ހިތަދޫއިން ހައްޔަރު ކުރި މީހެއްގެ ގެެއިން ދެ ކޮމްޕިއުޓަރ ސީޕީޔޫ އާއި ހާޑު ޑިސްކުގެ އިތުރުން ބައެއް ސާމާން ވަނީ ގެންގޮސްފައެވެ.
މި މަހުގެ ހަވަނަ ދުވަހުގެރޭ ރައްޔިތުންގެ މަޖިލީހުގެ ރައީސް، މުހައްމަދު ނަޝީދަށް އަމާޒުކޮށް ދިން ޓެރަރިސްޓު ހަމަލާއާ ގުޅިގެން ފުލުހުންނާއި ސިފައިން ގުޅިގެން އަންނަނީ ހަރުކަށި ފިކުރާ ދެކޮޅަށް މާލެ އާއި އަތޮޅުތެރޭގައި އޮޕަރޭޝަން ހިންގަމުންނެވެ.