މުސްލިމަކަށް ކާފަރެއްގެ ތުހުމަތު ކުރުން ކުށެއްގެ ގޮތުގައި ކަނޑައެޅުމަށް، ޤާނޫނުލްޢުޤޫބާތު އަށް އިސްލާހު ގެނައުމުގެ ބިލަށް ކެންދޫ ދާއިރާގެ މެމްބަރު އަލީ ހުސައިން ފާޑުވިދާޅުވެއްޖެއެވެ.
ސަރުކާރުގެ ފަރާތުން މި އިސްލާހު މަޖިލީހަށް ހުށަހަޅާފައިވަނީ ތުޅާދޫ ދާއިރާގެ މެމްބަރު ހިސާން ހުސައިނެވެ.
ބިލަށް ފާޑުވިދާޅުވެ އަލީ ހުސައިން ކުރި ޓްވީޓެއްގައި ވިދާޅުވެފައިވަނީ، އިސްލާމްދީނަށް މަލާމާތްކޮށް ހަޖޫޖަހާ ފުރައްސާރަ ކުރާ މީހަކާ ދިމާލަށް ތިޔައީ އިސްލާމްދީނާއި ދެކޮޅު މީހެކޭ ބުނުމަކީ ޖިނާއީ ކުށަކަށް ވެގެންނުވާނެ ކަމަށެވެ.
އިސްލާމްދީނަށް މަލާމާތްކޮށް ހަޖޫޖަހާ ފުރައްސާރަ ކުރާ މީހަކާ ދިމާލަށް ތިޔައީ އިސްލާމްދީނާއި ދެކޮޅު މީހެކޭ ބުނުމަކީ ޖިނާއީ ކުށަކަށް ވެގެންނުވާނެ pic.twitter.com/FssXtx5yBA
— Ali Hussain (@AleeVoice) June 1, 2021
މުސްލިމަކަށް ކާފަރެއްގެ ތުހުމަތު ކުރުމަކީ ކުށެއްގެ ގޮތުގައި ހެދުމަށް ސަރުކާރުން މަޖިލީހަށް ފޮނުވި ބިލާއެކު ގިނަ ދީނީ އިލްމުވެރިންނާއި ބައެއް އާންމުން އަންނަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ. އެގޮތުން ދީނާ ހިލާފު ހިޔާލުތައް ފާޅުކުރުމަކީވެސް ކުށަކަށް ހެދުމަށް އަންނަނީ ގޮވާލަމުންނެވެ.
ހުށަހަޅާފައިވާ އިސްލާހުތަކުގެ ތެރޭގައި އާންމު ތަނެއްގައި ވަކި މީހަކީ އިސްލާމްދީނާ ހިލާފަށް އުޅޭ ނުވަތަަ އިސްލާމްދީނާ ދެކޮޅު މީހެއް ކަމަށް ތުހުމަތު ކުރުމާއި އިސްލާމީ އަގީދާއާ ގުޅުވައި މުޖުތަމައުގައި މީހަކާމެދު ނަފްރަތު އުފެއްދުން ކުށަކަށް ހެދުމަށް ވަނީ ހުށަހަޅާފައެވެ.
އަދި އާންމު ތަނެއްގައި މުސްލިމަކު ކާފަރެއްކަމަށް ސިފަކުރުން ނުވަތަ ސިފަކުރުމުގައި ބައިވެރިވުމާއި، އާންމު ތަނެއްގައި މުސްލިމަކު ކާފަރެއްކަމަށް ތުހުމަތުކުރުން ވެސް ކުށަކަށް ހަދަން ވަނީ އިސްލާހު ހުށަހަޅާފައެވެ.