Last Updated: June 28, 17:46
Sunday, June 28, 2026
ޚަބަރު

ސްޓެލްކޯ ދުންހޮޅިން ރައްޔިތުންނަށް ގެއްލުން ލިބޭތީ ޤަރާރެއް

ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު މީކާއިލް ނަސީމް - ފޮޓޯ: މަޖިލިސް

ސްޓެލްކޯގެ ދުންހޮޅިތަކުން ރައްޔިތުންނަށް ގެއްލުންވާތީ އެކަމަށް ހައްލެއް ހޯދައިދިނުމަށް ގޮވާލާ ރައްޔިތުންގެ މަޖިލީހަށް ޤަރާރެއް ހުށަހަޅައިފިއެވެ.

މި ޤަރާރު މަޖިލީހަށް ހުށަހަޅާފައިވަނީ ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު މިކާއިލް އަހުމަދު ނަސީމެވެ.

މީކާއިލްގެ ޤަރާރުގައި ބުނެފައިވަނީ، ސްޓެލްކޯ އިން މާލޭގެ މީހުން ދިރިއުޅޭ ސަރަހައްދާއި މާ ގާތުގައި އެކުންފުނީގެ ޖަނަރޭޓަރުތަކާއި ދުންހޮޅިތަކާއި ތެޔޮ ތާންގިތައް ބެހެއްޓުމުގެ ސަބަބުން، އެސަރަހައްދުގައި ދިރިއުޅެމުންދާ ރައްޔިތުންނަށް ތަފާތު އެކި އުނދަގޫތަކާއި ގެއްލުންތައް ވަމުންދާކަމަށެވެ.

ޤަރާރުގައި ވަނީ ދިވެހިރާއްޖޭގެ ތިމާވެށި ރައްކާތެރިކޮށް ދެމެހެއްޓުމާބެހޭ ގާނޫނުގެ ދަށުން، ދިވެހިރާއްޖޭގެ ތިމާވެށި ރައްކާތެރިކޮށް، ރައްޔިތުންނާއި އެރައްޔިތުންގެ މުދާ ރައްކާތެރިކުރުމަކީ އަމާޒަކަށްވެފައި، ރަނގަޅު ސިއްހަތެއްގައި ދިރިއުޅުމުގެ ހައްގަކީ ދައުލަތުން ކޮންމެ ރައްޔިތަކަށްވެސް ކަށަވަރުކޮށްދޭންޖެހޭ ހައްގެއްކަމަށެވެ.

މީގެ އިތުރުން ޖަނަރޭޓަރުތައް މީހުން ދިރިއުޅޭ ސަރަހައްދާއި މާ ކައިރީގައި ބަހައްޓާފައި ހުރުމުގެ ސަބަބުންނާއި، ދުންހޮޅިތައް ހުރިލެއް ތިރިކަމުން ގަލޮޅުގައި ސްޓެލްކޯގެ މައި އިމާރާތާއި ޖަނެރޭޓަރުތައް ހުންނަ ސަރަހައްދުގައި ދިރިއުޅެމުންދާ ރައްޔިތުންނަށް ތާއަބަދު ޖައްވުގައި ހުންނަ ތެޔޮވަސް ދުވާ، ޑީސަލް ތެޔޮ އަންދައިގެން އުފެދޭ ކަޅު ދުމުގެ ސަބަބުން ވައި ތަޣައްޔަރުވެ، ކެއްސާ، ލޮލާއި ނޭފަތް ހިރުވާ، ނޭވާލާ ނިޒާމަށް އުނދަގޫވެ، ބޮލުގައި ރިއްސާ، ތަފާތު ބަލިތަކަށް މަގުފަހިވާ ކަމަށް ޤަރާރުގައި ބުނެފައިވެއެވެ. އަދި ވައިބްރޭޝަންތަކުގެ ސަބަބުން ގޭގާ ޖަހާފައި ހުންނަ މުއްޓައް ތަކުރާރުކޮށް ގެއްލުން ލިބި، ފާރުތަކުގައި ރެނދުލައި، ކުޑަކުދިންނަށް ރޭގަނޑު ނުނިދި، މުޅި ދުވަހު ކުޑަދޮރުތައް ލައްޕައިގެން އުޅެން މަޖުބޫރުވެ، އެސަރަހައްދުގައި ބަހައްޓާފައި ހުރި ތެޔޮތާންގިތަކުގެ ސަބަބުން އަލިފާނުގެ ނުރައްކާތެރި ހާދިސާއެއް މެދުވެރިވެ ވަރަށް ގިނަ ބަޔަކަށް ގެއްލުންތަކެއް ވެދާނެކަމުގެ ބިރުހީވެފައިވާކަމަށެވެ.

އެހެންކަމުން މައްސަލަތައް ހައްލުކުރުމަށް ކުރު ރާސްތާ، މެދު ރާސްތާ އަދި ދުރު ރާސްތާގެ ޕްލޭނެއް ސްޓެލްކޯއިން އެކުލަވާލާ އެކަމަށް ތާވަލެއް ކަނޑައަޅައި އެކަމަށް މަސައްކަތް ކުރުމަށް ގަރާރުގައި ގުވާލާފައިވެއެވެ.

އެގޮތުން ކުރުރާސްތާގައި، މާލެ-ހުޅުމާލެ އިންޓަކަނެކްޝަން ޕްރޮޖެކްޓް ވީ އެންމެ އަވަހަކަށް ނިންމާ، މިހާރު ބޭނުންކުރަމުންދާ ވަގުތީ ޖަނެރޭޓަރުތައް ބޭނުންކުރުން ހުއްޓާލާ، އެ ސަރަހައްދުން އެތަކެތި ނަގާ، މެދު ރާސްތާގައި އެސަރަހައްދުގައި ދިރިއުޅޭ ރައްޔިތުން އެހެން ސަރަހައްދަކަށް ބަދަލުކުރުމަކީ ކުރެވިދާނެ ކަމެއްތޯ ދެނެގަތުމަށް މަސައްކަތް ކުރަންޖެހޭ ކަމަށެވެ. އަދި މާލޭގެ ބޮޑު ބަޔަކީ އިއާދަކުރަނިވި ހަކަތަ އުފައްދާ، އަދި އެހަކަތައަށް ބަރޯސާވާ ތަނަކަށް ބަދަލުކޮށް، ވަގުތީގޮތުން، މާލެއަށް ކަރަންޓު ދިނުމަށް ބާޖެއްގައި ގޭސް އިންޖީނު އޮޕަރޭޓުކުރުން އެއީ ކުރެވިދާނެ ކަމެއްތޯ ދެނެގަނެ، ދުރު ރާސްތާގައި ސްޓެލްކޯ އިންޖީނުގެ މާލެއިން އެހެންތަނަކަށް ބަދަލުކޮށް، މާލެއަކީ ކާބަން އެމިޝަން-ފްރީ ސިޓީއަކަށް ހެދުމަށް ގޮވާލާ ކަމަށް ގަރާރުގައިވެއެވެ.