Last Updated: June 28, 17:46
Sunday, June 28, 2026
ޚަބަރު

މިޝްކާގެ އާއިލާއަށް އެޑިއުކޭޝަންގެ ތައުޒިޔާ

ކޮވިޑަށް ފަރުވާ ދެމުން ދަނިކޮށް ރޭ ނިޔާވި އުމުރުން 10 އަހަރުގެ ފާތިމަތު މިޝްކާ މުހައްމަދުގެ އާއިލާއަށް އެޑިއުކޭޝަން މިނިސްޓްރީން ތައުޒިޔާ ފޮނުވައިފިއެވެ.

އެޑިއުކޭޝަން މިނިސްޓްރީގެ ތައުޒިޔާ މެސެޖުގައި ވަނީ މިޝްކާގެ އާއިލާއަށް މިނިސްޓަރު އައިޝަތު އަލީ އަދި މިނިސްޓްރީގެ އިސްވެރިންނާއި އެންމެހާ މުވައްޒަފުންގެ ނަމުގައި ތައުޒިޔާ ދަންނަވާކަމަށެވެ.

2018 ވަނަ އަހަރު އިމާދުއްދީން ސުކޫލާ ގުޅުނު މިޝްކާއަކީ ކިޔެވުމުގެ އިތުރުން ސްކޫލުގައި ބާއްވާ ހުރިހާ އިތުރު ހަރަކާތެއްގައި ވައިވެރިވެ ވަރަ ހޯދާ ހުނަރުވެރި ދަރިވެއްކަމަށްވެސް ތައުޒިޔާގެ މެސެޖުގައިވެއެވެ. އަދި ހާއްސަ ދުވަސްތަކުގައި އެސެމްބްޕީގައި މަދަހައާއި ޅެން ހުށަހެޅުމުގެ އިތުރުން ޤުރުއާން މުބާރަތާއު މަދަހަ މުބާރަތްތަކުންވެސް މުޝްކާ ވަނަތައް ހޯދާފައިވާކަމަށް މެސެޖުގައިވެއެވެ.

"މިޝްކާގެ ކުއްލި ވަކިވުމަކީ އިމާދުއްދީން ސްކޫލަށާއި، ތައުލީމީ އާއިލާއަށް ލިބުނު ބޮޑު ހިތާމައެކެވެ." އެޑިއުކޭޝަންގެ ތައުޒިޔާގެ މެސެޖުގައިވެއެވެ.

ކޮވިޑް-19 ގައި ރާއްޖެއިން މިހާތަނަށް ނިޔާވި އެންމެ ކުޑަ ކުއްޖާ ރޭގައި ނިޔާވެފައިވާއިރު، އެ ކުއްޖާގެ ހާލު ބޮޑުވެ އެމްބިއުލަންސްއަށް ގުޅައިގެން އައިސްފައިވަނީ ގާތްގަނޑަކަށް ތިން ގަޑިއިރު ފަހުން ކަމަށް އާއިލާއިން މައުލޫމާތުދެއެވެ. އަދި އެ މައްސަލަ ހެލްތް މިނިސްޓްރީން އަންނަނީ ބަލަމުންނެވެ.