މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދަށް އަމާޒުކޮށް ދިން ބޮމުގެ ހަމަލާގައި ދައުލަތުން އަމަލު ކުރަމުންދަނީ "ލޮނުމަޑުކޮށް" ކަމަށް ވިދާޅުވެ މާފަންނު އުތުރު ދާއިރާގެ މެމްބަރު އިންތިޔާޒު ފަހުމީ (އިންތި) ނުރުހުން ފާޅުކުރައްވައިފިއެވެ.
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ވާހަކަ ދައްކަވަމުން އިންތި ވިދާޅުވީ، ދައުލަތުގެ ތިން ބާރުގެ ތެރެއިން އެއްބާރުގެ ވެރިޔަކު އަވަހާރަކޮށްލަން ހަމަލާއެއް ދިނުމުން މިގޮތަށް އަމަލުކުރާ ގައުމެއް ނުދެކޭ ކަމަށެވެ.
އިންތި ވިދާޅުވީ ދިމާވެގެން އުޅެނީ އާދައިގެ ކަމެއް ނޫން ކަމަށާއި، މިއަށް ވުރެ ބޮޑަށް ލޯ ހުޅުވައި މަސައްކަތް ކުރަންޖެހޭ ކަމަށެވެ.
"މިހާ ލޮނުމަޑުކޮށް މިކަހަލަ ކަމެއްވީމަކާ ކަންކަން ކުރާތަނެއް، އަޅުގަނޑުގެ ހަޔާތުގައި ނުދެކެގެން." އިންތި ވިދާޅުވިއެވެ.
އިންތި ވިދާޅުވީ މިފަދަ ވަގުތެއްގައި އަމަލުކުރަންޖެހޭ ގޮތަށް ދައުލަތުން އަމުލު ނުކުރުމުން މިފަދަ ކަންކަން ކުރާ މީހުންނަށް އިތުރު ހިތްވަރު ލިބިގެންދާކަމަށެވެ. މިމައްސަލައިގެ އެކަށީގެންވާ މައުލޫމާތު ފުލުހުން ހިއްސާ ކުރުމަކުން ނުދާކަމަށާއި، އަދި ދައުލަތުގެ މީޑިއާ އިންވެސް މިކަން ސީރިއަސްކޮށް ފާހަގަކުރާތަން ނުފެންނަކަމަށް ވިދާޅުވިއެވެ.