Last Updated: June 28, 17:46
Sunday, June 28, 2026
ޚަބަރު

ބަންގްލަދޭޝްގެ އަރމީ ޗީފް ރާއްޖެ ވަޑައިގެންފި

ބަނގްލަދޭޝްގެ ޗީފް އޮފް އާރމީ ސްޓާފް، ޖެނެރަލް އަޒީޒް އަޙްމަދު، ރަސްމީ ދަތުރުފުޅެއްގައި ރާއްޖެ ވަޑައިގަންނަވައިފިއެވެ.

އެމްއެންޑިއެފުން ބުނެފައިވަނީ ބަނގްލަދޭޝްގެ ޗީފް އޮފް އާރމީ ސްޓާފް ރާއްޖެ ވަޑައިގެންނެވުމުން ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓުން އެމަނިކުފާނަށް މަރުހަބާ ދެންނެވީ ޗީފް އޮފް ޑިފެންސް ފޯސް، މޭޖަރ ޖެނެރަލް ޢަބްދުﷲ ޝަމާލްއާއި، ބަނގްލަދޭޝްއިން ދިވެހިރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު، ރިއަރ އެޑްމިރަލް ހަޒްމުލް ޙަސަންއާއި، މިނިސްޓްރީ އޮފް ފޮރިން އެފެއަރޒްގެ ޗީފް އޮފް ޕްރޮޓޮކޯލް، އާއިޝަތު ޝާން ޝާކިރު އަދި އެމްއެންޑީއެފް ސަރވިސް ކޯރގެ ކޮމަޑާންޓް ބްރިގޭޑިއަރ ޖެނެރަލް ހާމިދު ޝަފީޤު ކަމަށެވެ.

ޖެނެރަލް އަޒީޒް އަޙްމަދު ރާއްޖެއަށް ކުރައްވާ މި ދަތުރުފުޅުގައި، މިނިސްޓަރ އޮފް ޑިފެންސް މާރިޔާ އަހުމަދު ދީދީއާއި ޗީފް އޮފް ޑިފެންސް ފޯސް މޭޖަރ ޖެނެރަލް އަބްދުﷲ ޝަމާލްއާއި ވައިސް ޗީފް އޮފް ޑިފެންސް ފޯސް ބްރިގޭޑިއަރ ޖެނެރަލް އަބްދުއްރަޙީމް އަބްދުއްލަތީފާ ބައްދަލުކުރެއްވުމަށް ހަމަޖެހިފައިވާ ކަމަށްވެސް އެމްއެންޑިއެފުން މައުލޫމާތުދެއެވެ.

ޖެނެރަލް އަޒީޒް އަޙްމަދު ރާއްޖެއަށް ކުރައްވާ މި ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު ފުރާވަޑައިގަތުމަށް ހަމަޖެހިފައިވަނީ މިމަހުގެ 6 ވަނަ ދުވަހުއެވެ.