"ނަފްރަތުގެ އަމަލު ހިންގުން" ބަޔާންކޮށް ޤާނޫނުލްއުޤޫބާތަށް ހުށަހަޅާފައިވާ އިސްލާހުގެ ބައެއް ބައިތަކަށް އަދާލަތު ޕާޓީން ތާއީދު ކުރާއިރު ވަކި މާއްދާތަކަށް ތާއިދު ނުކުރާކަން ހާމަކޮށްފިއެވެ.
ޤާނޫނުލްއުޤޫބާތަށް ހުށަހަޅާފައިވާ އިސްލާހާއި ގުޅިގެން އަދާލަތު ޕާޓީން ނެރެފައިވާ ގަރާރެއްގައި ބުނެފައިވަނީ، ދިވެހިރާއްޖޭގެ ޤާނޫނުލްޢުޤޫބާތަށް އިޞްލާޙުގެނައުމަށް ހުށަހަޅާފައިވާ ބިލުގެ އިސްލާހުގައި އެ ޤާނޫނުގެ 124 ވަނަ މާއްދާގެ (ހ) ގެ (1) ވަނަ ނަންބަރުގެ (i) އަދި (ii) އާމެދު އަދާލަތު ޕާޓީގެ ކަންބޮޑުވުންތަކަށް ސަރުކާރާއި ކަމާ ގުޅުންހުރި އެހެން ފަރާތްތަކާއެކު މަޝްވަރާކޮށް ހައްލުހޯދުމަށް އިޤުރާރު ވާކަމަށެވެ.
ހުށަހަޅާފައިވާ އިސްލާހުގެ (1) ވަނަ ނަންބަރުގެ (i)ގައި ވަނީ އާންމު ތަނެއްގައި ވަކި މީހަކީ އިސްލާމް ދީނާ ހިލާފަށް އުޅޭ ނުވަތަ އިސްލާމް ދީނާ ދެކޮޅު މީހަކު ކަމަށް ތުހުމަތު ކުރުމަކީ ކުށެއްކަމަށެވެ. އަދި އިސްލާހުގެ (1) ވަނަ ނަންބަރުގެ (ii) ގައި ވަނީ، އިސްލާމީ އަޤީދާއާ ގުޅުވާ މުޖުތަމައުގައި މީހަކާ މެދު ނަފްރަތު އުފެއްދުމަކީ ކުށެއްކަމަށެވެ. އަދާލަތުން މި ކަންކަމާ މެދު ކަންބޮޑުވުން ފާޅު ކުރި ނަމަވެސް، އިސްލާހުގައި ދެން ހުރި ކަންކަމާ މެދު އަދާލަތުގެ ކަންބޮޑުވުން ނެތްކަން ޤަރާރަށް ބެލުމުން އެނގެއެވެ.
ހުށަހަޅާފައިވާ އިސްލާހުގެ 3 އަދި 4 ވަނަ ނަމްބަރުގައި ވަނީ، އާންމު ތަނެއްގައި މުސްލިމަކު ކާފަރެއްގެ ގޮތުގައި ސިފަ ކުރުން ނުވަތަ ސިފަ ކުރުމުގައި ބައިވެރިވުމާއި، އާންމުތަނެއްގައި މުސްލިމަކަށް ކާފަރެއް ކަމުގެ ތުހުމަތު ކުރުމަކީ ކުށެއްކަމަށެވެ. އަދާލަތުން ނެރެފައިވާ ޤަރާރުގައި މިކަންކަމާއި މެދު ކަންބޮޑުވުން ފާޅުކޮށްފައެއް ނުވެއެވެ.
މީގެ އިތުރުންވެސް އަދާލަތުގެ ޤަރާރުގައި ވަނީ، ނަފްރަތުގެ އަމަލު' ދިވެހިރާއްޖޭގެ ޤާނޫނުލްޢުޤޫބާތުގައި ނުވަތަ އެހެން ޤާނޫނެއްގައިވެސް ބަޔާންކުރާނަމަ، މާތްވެގެންވާ އިސްލާމް ދީނުގެ އެންމެ މަތީ މަސްލަހަތަށް ރިއާޔަތްކުރުމަށާއި އަދި އެކަމަށްޓަކައި އ.ދ ފަދަ ބައިނަލްއަޤުވާމީ ޖަމާޢަތްތަކުން ބަލައިގެންފައިވާ ހަމަތަކާއި، ކަމާގުޅޭ އިލްމީ ދިރާސާތަކުގެ މައްޗަށް ރިއާޔަތްކޮށް ޑިމޮކްރަޓިކް މުޖުތަމައުތަކުގައި ގެންގުޅޭ ހަމަތަކަށް ފެތޭ ގޮތަށް އެކަން ކުރުމަށް ގޮވާލާކަމަށެވެ.
އަދާލަތު ޕާޓިން ނެރުނު ޤަރާރުގައި ބުނެފައިވަނީ، ވޭތުވެދިޔަ އަހަރުތަކުގެ ތެރޭގައި ދުނިޔެއަށް އައިސްފައިވާ ބަދަލުތަކާއެކު ދިވެހިރައްޔިތުންގެ އެއްބައިވަންތަކަމަށް ނުރަނގަޅު އަސަރުކޮށްފައިވާހިނދު، އޭގެ ތެރޭގައި މާތްވެގެންވާ އިސްލާމްދީން ނިކަމެތިކޮށް ކުޑައިމީސްކުރުމަށްޓަކައި އިސްލާމް ދީނާ ދެކޮޅަށް ހިންގާ ހަރަކާތްތަކާއި، އިސްލާމް ދީނުގެ ނަމުގައި ހަރުކަށިކަން އިސްކޮށް އިސްލާމް ދީނުގެ ސައްހަ އުނގަންނައިދިނުންތަކާ ހިލާފަށް ދީނުގެ ނަމުގައި ހިންގާ ހަރަކާތްތައްވެސް ހިމެނޭކަން އަދާލަތު ޕާޓިން ޤަބޫލުކުރާ ކަމަށެވެ.
އެހެންނަމަވެސް މަޖިލީހަށް މިހާރު ހުށަހަޅާފައިވާ ބިލު އޮތްގޮތުން މުޖުތަމައުގެ ހަމަޖެހުން ޤާއިމުކުރުމަށް ހުރަސްއެޅިދާނެކަމަށް ފެންނަ ކަމަށް ވެސް އަދާލަތުގެ ޤަރާރުގައި ބުނެފައިވެއެވެ.
"… ބައިނަލްއަޤުވާމީ ޖަމާޢަތްތަކުންނާއި، އިޖުތިމާޢީ ޢިލްމުވެރިންނާއި، ފަންނީ މާހިރުން ފާހަގަކުރާ ގޮތުގައި ނަފްރަތުގެ ޢަމަލު ހިންގުންފަދަ އިޖުތިމާޢީ މައްސަލަތައް ޙައްލުކުރުމުގައި ޢަދުލުގެ ނިޒާމުގެ ތެރެއިން ޖިނާއީ ފިޔަވަޅު އެޅުމަށް އިސްކަން ދިނުމުގެ ބަދަލުގައި، ކަނޑައަޅާ ތަންފީޒުކުރެވޭ އިޖުތިމާޢީ ސިޔާސަތުތަކެއްގެ ތެރެއިން ނަތީޖާ ނެރުމަށް އަމާޒުހިފަންޖެހޭތީ އާއި، ވަކިން ޚާއްޞަކޮށް މަދަނީ އަދި ސިޔާސީ ޙައްޤުތަކާ ބެހޭ ބައިނަލްއަޤުވާމީ މުޢާޙަދާގެ 19 އަދި 20 ވަނަ މާއްދާގެ ދަށުން ނަފްރަތުގެ ބަސްމަގާއި އެއާ ގުޅިފައިވާ އެފަދަ ކުށްތައް ހުއްޓުވުމަށް އެ މުޢާޙަދާގައި ބައިވެރިއިވާ ޤައުމުތަކުން ޢަމަލުކުރުމަށް ކަނޑައަޅާފައިވާ ރަބާޠު ޕްލޭން އޮފް އެކްޝަން 2012 ގެ މައްޗަށް ބިނާކޮށް ދިވެހިރާއްޖޭގައިވެސް މަސައްކަތްތަކެއް ކުރަމުންދާ ވަގުތެއްގައި، މި ފާހަގަކުރެވުނު އދ ގެ އެކްޝަން ޕްލޭނާއި ދިވެހި ސަރުކާރުން ކުރަމުންދާ މަސައްކަތްތަކާ ފުށުއަރާ ގޮތަށް އެޅޭ ކޮންމެ ފިޔަވަޅަކީ ޤައުމުގެ އިޖުތިމާޢީ ޙާލަތު އިތުރަށް ގޯސްވެ ޞުލްޙަމަސަލަސްކަން ގެއްލިދާނެ ކަމެއްކަމަކަށް ވެފައި،…" އަދާލަތު ޕާޓީގެ ޤަރާރުގައި ވެއެވެ.
މީގެ އިތުރުންވެސް ބުނެފައިވަނީ، ޤާނޫނުއަސާސީގެ 10 ވަނަ މާއްދާގައި ދިވެހިދައުލަތުގެ ދީނަކީ އިސްލާމްދީން ކަމާއި ދިވެހިރާއްޖޭގެ ޤާނޫނުގެ މައިގަނޑު މަޞްދަރަކީ އިސްލާމްދީންކަމާއި އަދި އިސްލާމްދީނުގެ އަސްލަކާއި ޚިލާފު އެއްވެސް ޤާނޫނެއް ނުހެދޭނެކަމަށް ބަޔާންކުރާތީ އާއި، ޤާނޫނުއަސާސީގެ 27 ވަނަ މާއްދާއިން ކަށަވަރުކޮށްދޭ ޚިޔާލުފާޅުކުރުމުގެ މިނިވަންކަމުގެ ޙައްޤު ދިފާއުކޮށް ދަމަހައްޓަންޖެހޭ އެންމެ މުހިންމު ސަބަބަކީ، މުޖުތަމައުގެ ކަންކަމާމެދު ބަޙުޘްކޮށް ބަސްބުނެ ލަފާދިނުން ކަމަށްވީއިރު، އިސްލާހުގެ ނަތީޖާއެއްގެގޮތުން ހިޔާލުފާޅުކުރުމުގެ މިނިވަންކަމުގެ ހައްޤަށް އުނިކަން ލިބޭކަމަށް އަދާލަތު ޕާޓީން ދެކޭކަމަށެވެ.