އިންފޮމޭޝަން ކޮމިޝަނަރުގެ މަގާމަށް ކުރިމަތިލުމުގެ ފުރުސަތު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން އަނެއްކާވެސް ހުޅުވާލައިފިއެވެ.
ރައީސުލްޖުމްހުރިއްޔާގެ އޮފީހުން ބުނެފައިވަނީ އިންފޮމޭޝަން ކޮމިޝަނަރުގެ މަޤާމަށް ހުށަހަޅާ ފޯމު ބަލައިގަތުމަށް ހަމަޖެހިފައިވަނީ، 2021 ޖޫން 13 އަދި 14 ވަނަ ދުވަހު ހެނދުނު 10:30 އިން މެންދުރު 12:30 އަށް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުންނެވެ.
ޤާނޫނުގައި ބުނާ މުއްދަތު ފަހަނައަޅާ ދިޔައިރުވެސް އެ މަގާމަށް ބޭފުޅަކު އައްޔަނު ނުކުރެވި ލަސްވެފައިވަނީ މަޖިލީހުގެ ކޮމިޓީން މީގެ ކުރިން ފޮނުވި ނަންތަށް ފާސްނުވުމާ ގުޅިގެންނެވެ. މައުލޫމާތު ހޯދާ ލިބިގަތުގެ ހައްޤުގެ ޤާނޫނުގައި ބުނެފައިވާގޮތުން އިންފޮމޭޝަން ކޮމިޝަނަރުގެ މަގާމު ހުސްވާތާ 60 ދުވަހުގެ ތެރޭގައި އެމަޤާމަށް ބޭފުޅަކު އައްޔަނު ކުރަން ޖެހެއެވެ.
އިންފޮމޭޝަން ކޮމިޝަނަރުގެ މަގާމުގައި އެންމެ ފަހުން ހުންނެވި ހުސައިން ފިޔާޒް މޫސާ އެ މަގާމުން އިސްތިއުފާ ދެއްވާފައިވަނީ މާޗް 21 ވަނަ ދުވަހުއެވެ. ފިޔާޒް މަޤާމުން އިސްތިއުފާ ދެއްވިތާ 60 ދުވަސް ހަމަވެފައިވަނީ މޭ 20 ވަނަ ދުވަހަށެވެ.
ފިޔާޒް އިސްތިއުފާ ދެއްވުމާ ގުޅިގެން، އިންފޮމޭޝަން ކޮމިޝަނަރުގެ މަގާމަށް ބޭފުޅަކު އައްޔަނު ކުރުމަށް ރައީސުލްޖުމްހޫރިއްޔާ ތިން ނަމެއް ފޮނުވާފައިވަނީ އޭޕްރިލް 25 ވަނަ ދުވަހުއެވެ. އެ ބޭފުޅުންނަކީ އަލްއުސްތާޛު ޝިހާމް މުހައްމަދު ވަހީދު، އަލްއުސްތާޛު އަހުމަދު އާހިދު ރަޝީދު އަދި މަރިޔަމް އަލީމްއެވެ.
އެ ނަންތައް ދިރާސާ ކުރުމަށް ފަހު މިނިވަން މުއައްސަސާތަކާ ބެހޭ ކޮމިޓީން އުކުލަވާލާފައިވާ ރިޕޯޓްގައި ބުނެފައިވަނީ ރައީސުލްޖުމްހޫރިއްޔާ ފޮނުވާފައިވާ ފަރާތްތަކާ ކޮމިޓީން އިންޓަވިއު ކުރުމަށްފަހު، އެއިން ފަރާތެއް އައްޔަނުކުރުމާމެދު ނުވަތަ ރުހުން ދިނުމަށް ފެންނަކަމާމެދު ކޮމިޓީގެ މެމްބަރުންގެ މެދުގައި ވޯޓު ނެގުމުން، ކޮމިޓީގެ ތިންބައިކުޅަ ދެބައި ވޯޓު ހަމަވާ އަދަދަށް އިންޓަވިއު ކުރެވުނު ތިން ފަރާތުގެ ތެރެއިން އެއްވެސް ފަރާތަކަށް ވޯޓު ލިބިފައި ނުވާކަމަށެވެ.
އެހެންކަމުން މަޖިލީހުގެ ތަޅުމަށް ފޮނުވުމަށް އެއްވެސް ފަރާތެއްގެ ނަން ފާސްވެފައި ނުވާކަމަށެވެ.