Last Updated: June 28, 17:46
Sunday, June 28, 2026
ޚަބަރު

ކުޑަކުއްޖާގެ މަރާއެކު މިނިސްޓަރު ނަސީމްގެ އިސްތިއުފާއަށް ގޮވާލައިފި

ކޮވިޑް-19 ގައި ރޭ މަރުވި އުމުރުން 10 އަހަރުގެ ކުއްޖާގެ މަރާއެކު ހެލްތް މިނިސްޓަރު އަހުމަދު ނަސީމްގެ އިސްތިއުފާއަށް އިދިކޮޅު ޕީޕީއެމް ޕީއެންސީ ކޯލިޝަނުން ގޮވާލައިފިއެވެ.

ޕީޕީއެމް ޕީއެންސީން ނެރެެފައިވާ ބަޔާނެއްގައި ބުނެފައިވަނީ، ކޯވިޑް19 އަށް ޕޮޒިޓިވްވެ އުމުރުން 10 އަހަރުގެ ފާތިމަތު މިޝްކާ މުހައްމަދު ނިޔާވި ޚަބަރު ކޯލިޝަނުން އެހީ ފުން ހިތާމަޔާއެކުގައި ކަމަށެވެ.

އިދިކޮޅުގެ ބަޔާނުގައި ބުނެފައިވަނީ، ކޯވިޑް19 މެނޭޖެކުރުމުގައި ސަރުކާރު ފެއިލްވެ، ހެލްތް މިނިސްޓްރީއާއި އެ ވުޒާރާގެ ދަށުން މަސައްކަތްކުރާ މުއައްސަސާތަކުގެ އިހުމާލުން އެތައް ފުރާނައެއް މިދުނިޔެއާއި ވަކިވެގެން ދިއުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށެވެ.

އަދި ފުރާނައެއް ވަކިވެގެން ދިއުމުން މަޢާފަށް އެދި ނިންމާލުމަކީވެސް ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށާއި، މިފަދަ މައްސަލަތައް އިންސާފުވެރިކަމާއެކު ވީއެންމެ އަވަހަށް ތަޙްޤީޤުކޮށް މިކަމުގައި އިހުމާލުވާ ފަރާތްތަކަށް ޙައްޤު އަދަބު ދިނުމަށް ގޮވާލާކަމަށެވެ.

"ކޯވިޑް19އަށް ސަރުކާރުން މިހާތަނަށް 3.5 ބިލިއަނަށްވުރެ ގިނަ ފައިސާ ޚަރަދުކޮށްފައިވާއިރު، މިފައިސާ މިވޭތުވެދިޔަ އެއްއަހަރު ދުވަހުގެ ތެރޭގައި ރައްޔިތުންނަށް ފައިދާހުރި ގޮތަކަށް ހޭދަކުރެވިފައި ނުވެއެވެ. ކޯވިޑް ފެސިލިޓީތަކާއި ޓެސްޓް ކުރެވޭނެ ނިޒާމާއި އިތުރު ވަސީލަތްތައް އެންމެ ނުރައްކާތެރި ޙާލަތަށް ރިޢާޔަތްކޮށް ޤާއިމްކުރެވިފައި ނުވެއެވެ." އިދިކޮޅުގެ ބަޔާނުގައިވެއެވެ.

ނަމަވެސް މިހާތަނަށްވެސް ސަރުކާރުން ބުނެފައިވަނީ މުޅި ސަރުކާރުންވެސް މިކަމަށް އެންމެ ފުރިހަމައަށް ތައްޔާރުވެފައިވާ ކަމަށްކަން ފާހަގަކޮށް އިދިކޮޅުގެ ބަޔާނުގައި ބުނެފައިވަނީ، ހެލްތް މިނިސްޓްރީއާއި މުޅިސަރުކާރު މިހާރު މިކަމުގައި ފެއިލްވެފައިވާ ކަމަށް އިދިކޮޅު ކޯލިޝަނުން ދެކޭކަމަށެވެ. އަދި ކޯވިޑް މެނޭޖްކުރުމުގެ ކަންކަން ހަރުދަނާކުރުމަށް ރައީސް އިބްރާހީމް މުޙައްމަދު ސޯލިހަށް ގޮވާލާ ކަމަށާއި ހެލްތް މިނިސްޓަރ އަޙްމަދު ނަސީމް މިހާރުން މިހާރަށް އިސްތިއުފާ ދެއްވުމަށް ގޮވާލާކަމަށް ބަޔާނުގައިވެއެވެ.