Last Updated: April 24, 23:11
Wednesday, April 24, 2024
ރިޕޯޓް

"ދާއިރާގެ ރައްޔިތުންގެ އެއްބާރުލުން ބޭނުން"

ލޯކަލް ކައުންސިލް އިންތިހާބް އަންނަ ޖެނުއަރީ މަހުގެ 18 ވަނަ ދުވަހު ބާއްވަން އިއްލާން ކުރުމާއި ގުޅިގެން ސިޔާސީ ފަރާތަކުން ތެޅި ފޮޅެން ފަށައިފިއެވެ.

ކައުންސިލަށް ކުރިމަތިލާން ހިޔާލް ކޮށްގެން ތިބި މީހުންތައް ފޭސްބުކް ސްޓޭޓަސް ތަކުގައި އެކަން އިއްލާން ކުރަމުން "ދާއިރާގެ ރައްޔިތުންގެ އެއްބާރުލުން ބޭނުން" ކަމަށް ބުނަމުންދާއިރު މިކަމާއި ދާއިރާ ތަކުގެ ރައްޔިތުން ފުންކޮށް ވިސްނާންޖެހެއެވެ.

އައްޑޫ ސިޓީ ކައުންސިލްގެ 6 ގޮޑީގެ ތެރެއިން 4 ގޮޑިއަށް މިހާރު ތިބި ކައުންސިލަރުން ވަނީ ކުރިމަތިލާން ނިންމާފައެވެ. އެގޮތުން މަރަދޫ ދާއިރާގެ ކައުންސިލަރު އަބްދުﷲ ޠޮއްޔިބް އެ ދާއިރާއަށް ކުރިމަތިލާއިރު، ހިތަދޫ ދެކުނު ދާއިރާއިން ފަހުމީ ވަނީ ނިކުންނާނެ ކަމަށް އިއްލާން ކޮށްފައެވެ.

އިއްޔެގެ ވަގުތެއްގައި މެދު ދާއިރާއަށް ކުރިމަތިލާކަން މިހާރު އެދާއިރާގައި ހުރި ހުސެއިން ހިލްމީ ވަނީ އިއްލާންކޮށްފައެވެ. އައްޑޫގެ މޭޔަރ އަބްދުﷲ ސޯދިގް (ސޯބެ) އުތުރު ދާއިރާއިން ނިކުންނަވާނެކަމަށް ގާތް ފަރާތަކުން ވަނީ ބުނެފައެވެ.

ފޭދޫ ދާއިރާގެ ކައުންސިލަރު އަހުމަދު މިރުޒާދު މަޖިލިސް އަށް މިސްރާބް ޖަހާފައިވާ އިރު ޑެޕިއުޓީ މޭޔަރ ޝާހިދު ވެސް މަޖިލިސް ގޮޑިއަށް އިންތިޒާރު ކުރާކަމަށް އަޑުއިވެއެވެ.

އިންތިހާބް ބޯމަތިވެ، ވޯޓާއި ހިސާބުން "ދާއިރާގެ ރައްޔިތުންގެ އެއްބާރުލުން ބޭނުން" ވެއެވެ. އެކަމަކު އިންތިހާބުން ހޮވި މަގާމަށް ދެވުމުން ދާއިރާގެ ރައްޔިތުންގެ މަތިން ހަނދާނެއް ނުހުރެއެވެ.

ރައްޔިތުންނާއި ގާތުން ، އެމީހުންގެ ބައިވެރިވުމާއި އެކު ހިދްމަތް ދިނުމަށް އެކުލަވާލި ލޯކަލް ކައުންސިލްގެ 3 އަހަރުގެ ދައުރު ފުރިހަމަ ކުރެއްވި ބައެއް ކައުންސިލަރު މިއަދު ދެވަނަ ފަހަރަށް ކުރިމަތިލައި ވޯޓު ހޯދަން ނިކުތުމުން ކުރިން މަގާމު ފުރުއްވި ގޮތް ބަލާލަން ޖެހެއެވެ.

އައްޑޫ ސިޓީ ކައުންސިލް ފެއިލްވެ، މަގު ބައްތި ދުވާލު ދިއްލި ރޭގަނޑު ނިވި މަގުގެ ދެފަރާތުގައި ބޯ ޖަންގަލި ހެދި ރައްޔިތުންގެ ތެރެއިން އެތައް ސަތޭކަ ބަޔަކު ހިދްމަތް ހޯދަން ކައުންސިލް އިދާރާއަށް ގޮސްގެން ކުރެވުނު ކަމެއް ނެތްކަމަށް އެންމެން އެއް އަޑަކުން ދަނީ ބުނަމުންނެވެ.

ހާއްސަކޮށް ހިތަދޫން ދޫކޮށްފައިވާ އެތައް ސަތޭކަ ގޯއްޗެއް ނުހައްގުން ނަގާ އޭގެ ތެރެއިން ބައެއް ގޯތި ގާތް މީހުންނަށް ދީ އެއް ގޯއްޗަކަށް ދެ ރަޖިސްޓްރީ ހަދާ ކުޅުނު ކުޅިގަނޑު ރައްޔިތުން ތިބީ ފާރަވެރިކަމާއި އެކު ބަލާށެވެ. އެކަމުގައި "ދާއިރާގެ ރައްޔިތުންނަށް" ވީ ހަރާމްކޯރެވެ.

މިހާރު ކައުންސިލަރުކަން ކުރައްވަމުން ގެންދަވާ ބޭފޫޅުން އަލުން ދެވަނަ ފަހަރަށް ނިކުންނަވާއިރު އެބޭފުޅުން ކައުންސިލް ހިންގި ގޮތް "އެއްބުރުން" އިހަށްދުވަހު ވަނީ ނެރެފައެވެ. މުޅި ބަޔާނުގައި ވަނީ މަކަރާއި އޮޅުވާލުމެވެ.

ކައުންސިލްގެ ތިން އަހަރުގެ ރިޕޯޓްގައިވާ ގޮތުން "ރައްޔިތުންނާެއި" ބައްދަލުކޮށްފައި ވެސް އެބައޮތެވެ. އެކަމަކު އެކުރި ބައްދަލުވުމެއް ބާއްވާފައިވަނީ ކޮފީ މޭޒުދޮށުގައި އެކަނިއެވެ.

ހަގީގަތުގައިވެސް މިހާރު މިއޮތް ކައުންސިލް މިވަނީ ފެއިލްވެފައެވެ. އެހެންވެ މި ފެއިލްވެފައިވާ ކައުންސިލްގައި ތިބި ކައުންސިލަރުން ކިތަންމެ އާދޭހެއް ކުރި ނަމަވެސް "ދާއިރާގެ ރައްޔިތުން"ނަށް އާއެކޭ ބުނެވޭކަށް ނެތެވެ.

ފުރުސަތު ދެވި ވަނީ ބޭނުން ނުހިފިފައެވެ. ދެން އަލުން ކޮށްދޭނެ އިތުރު ކަމެއް ނެތެވެ. ވައްސަލާމް.