ރައްޔިތުންގެ މަޖިލިސްގެ ހިތަދޫ މެދު ދައިރާގެ ގޮޑިއަށް ކުރިމަތި ލައްވާނެކަމަށް މިހާރުވެސް އެދާއިރާގެ ގޮޑި ފުރުއްވަމުން އަންނަ މުހައްމަދު ރަޝީދު (މެޓްރިކްސް މޯޑު) ވިދާޅުވެއްޖެ އެވެ.
މޯޑު ވިދާޅުވީ ދާއިރާގެ ސަޕޯޓް މިފަހަރުވެސް ލިބޭނެ ކަމަށް އުއްމީދު ކުރައްވާ ކަމަށެވެ.
ރައްޔިތުންގެ މަޖިލީހުގެ ހިތަދޫ މެދު ދާއިރާއަށް ބްރިގޭޑީއާ ޖެނެރަލް (ރިޓަޔާޑް) އިބްރާހިމް ދީދީ ނިކުންނަވާ ހަބަރުވެސް ވަނީ ފެތުރިފަ އެވެ. އެހެން ވެއްޖެ ނަމަ މޯޑު ޕްރައިމެރީގައި ވާދަ ކުރައްވަން ޖެހޭނީ އިބްރާހިމްދީ އާ އެވެ.
މަޖިލިސްގައި މޯޑަކީ "ސައިލެންޓް" މެމްބަރެކެވެ. ބައެއް ފަރާތަކުން ބުނާ ގޮތުން މޯޑު އަކީ ހަމައެކަނި މަޖިލިސް ތެރޭގައި އެމްޑީޕީން ބޭނުންވާ ގޮތަށް ވޯޓު ދެއްވަން ބަހައްޓާފައި ހުރި މެމްބަރެކެވެ.
ރައީސް ނަޝީދުގެ ސަރުކާރު ނިމުމަށް ފަހު ފެބްރުއަރީ 8 ވަނަ ދުވަހު ހިންގި ހަމަ ނުޖެހުމުގައި އައްޑޫގެ ކޯޓުތަކާއި ޕޮލިސް ސްޓެޝަން ހުޅުޖަހާ އަންދާލި މައްސަލާގައި މޯޑުގެ މައްޗަށް ވަނީ ޓެރަރިޒަމް ދައުވާ ދައުލަތުން އުފުލާފަ އެވެ.
ކްރިމިނަލް ކޯޓުން މި މަހުގެ 12 ވަނަ ދުވަހު ބާއްވަން އޮތް ޝަރީއަތް ވެސް ވަނީ މޯޑް އާއި ޗިޓް ހަވާލު ނުވެގެން ކެންސަލްކޮށްފަ އެވެ.
މޯޑުގެ މައްޗަށް އެ ދައުވާ ސާބިތު ކުރުމަށް ދައުލަތުން ވަނީ 26 މީހަކު ހެކީންގެ ގޮތުގައި ހުށަހަޅާފަ އެވެ.
އޭގެ ތެރޭގައި ހިމެނެނީ ފުލުހުންނާއި ސިފައިންގެ 17 މީހަކާއި އާންމުންގެ ދެ މީހަކާއި ސިއްރުން ހެކި ބަސްދޭ ހަތް މީހެކެވެ.