Last Updated: April 25, 21:20
Thursday, April 25, 2024
ޚަބަރު

ގެއްލިގެން ހޯދާ މިސްބާހު ހުރީ ބޭރުގެ ޑްރަގް ނެޓްވޯކެއްގެ ބެލުމުގެ ދަށުގައި

ގެއްލިގެން ހޯދަމދުންދާ ހދ. ނޮޅިވަރަންފަރު، މޯނިންގސަން، މިސްބާހް މުހައްމަދާ ހުރީ ބޭރުގެ ޑްރަގް ނެޓްވޯކެއްގެ ބެލުމުގެ ދަށުގައި ކަމަށް ބެލެވޭ ކަމަށް ފުލުހުން މިރޭ ބުނެފިއެވެ.

މިސްބާހު މުހައްމަދު ގެއްލިގެން ފުލުހުން ހޯދަން އިއުލާން ކުރީ މިދިޔަ މަހު 14 ގައި ކަމަށްވާއިރު، ފުލުހުން ފަހުން ވަނީ މިދިޔަ ނޮވެމްބަރު މަހުގެ ތެރޭގައި މިސްބާހު ދުބާއީ އަށް ފުރާފައިވާ ކަމަށް ބުނެފައެވެ. ނަމަވެސް އޭނާ އެނބުރި ރާއްޖެ އައިސްފައެއް ނުވެއެވެ.

އެކަމާ ގުޅިގެން ފުލުހުން މިރޭ ބުނީ މިދިޔަ ނޮވެމްބަރު މަހުގެ 11 ވަނަ ދުވަހުގެ ރޭ 22:13 ގައި ފްލައި ދުބާއީގެ EZ1570 ނަންބަރު ފްލައިޓުން ދުބާއީއަށް މިސްބާހް މުހައްމަދު ފުރާފައިވާކަން އިމިގްރޭޝަންގެ ރެކޯޑްތަކުން ދައްކާ ކަމަށެވެ.

އެގޮތުން އޭނާ ދުބާއީއަށް ގޮސްފައިވަނީ ފުޅާ ދާއިރާއެއްގައި ރާއްޖެއަށް މަސްތުވާތަކެތި އެތެރެކޮށް އެތަކެތީގެ ވިޔަފާރި ކުރާ ނެޓްވޯކްތައް ރާއްޖޭގައި ހިންގި، ސ. ހުޅުދޫ، ދޭލިޔާގެ، އިރުފާން ތަގިއްޔު އާ އެކުގައި ކަމަށް ފުލުހުން ބުނެއެވެ. އިރުފާން ތަގިއްޔު ވަނީ 2020 ޑިސެމްބަރު 08 ވަނަ ދުވަހު "މަސްޖަރީ-2" ނަމަކަށް ކިޔާ ދޯނީގައި ކަންޑުމަގުން ރާއްޖެއަށް 72 ކިލޯއަށްވުރެ ގިނަ މަސްތުވާތަކެތި އެތެރެކުރި ކަމުގެ ތުހުމަތުގައި ފުލުހުން ހައްޔަރުކޮށްފައެވެ.

ފުލުހުން ބުނީ އިރުފާން ތަގިއްޔު އާއި މިސްބާހް މުހައްމަދު ދުބާއީއަށް ފުރުމަށްޓަކައި ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓަށް ގޮސްފައިވަނީ، 72 ކިލޯގެ މަސްތުވާތަކެތި ފެނުނު، އިރުފާން ތަގިއްޔު ދުއްވާ ކާރެއްގައި ކަމަށެވެ.

އަދި އިރުފާން ތަގިއްޔު 2020 ނޮވެމްބަރު 22 ވަނަ ދުވަހު އެމިރޭޓްސްގެ EK656 ނަންބަރު ފްލައިޓުން އެނބުރި ރާއްޖެ އައިސްފައިވާ ކަމަށާއި ނަމަވެސް، އިރުފާން ތަގިއްޔުއާއެކު މިސްބާހް މުހައްމަދު އައިސްފައެއް ނުވާ ކަމަށް ފުލުހުން ބުނެއެވެ. އަދި، މިސްބާހް މުހައްމަދު 2020 ނޮވެމްބަރު 23 ވަނަ ދުވަހު ފްލައި ދުބާއީގެ FZ0343 ނަންބަރު ފްލައިޓުން ދުބާއީ އިން ޕާކިސްތާނަށް ފުރާފައިވާކަން ތަހުގީގުގައި ހޯދިފައިވާ މައުލޫމާތު ތަކުން އެނގޭ ކަމަށްވެސް ފުލުހުން ބުނެއެވެ.

"މިސްބާހް މުހައްމަދު ޕާކިސްތާނަށް ގޮސްފައިވަނީ، ރާއްޖެ އެތެރެކޮށްފައިވާ މަސްތުވާތަކެތީގެ ފައިސާގެ ކަންކަން ނިމެންދެން، އިރުފާން ތަގިއްޔުއަށް މަސްތުވާތަކެތި ފޮނުވާފައިވާ ރާއްޖެއިން ބޭރުގެ މަސްތުވާތަކެތީގެ ނެޓްވޯކްގެ ބެލުމުގެ ދަށުގައި "ގެރެންޓަރ" އެއްގެ ގޮތުގައި ހުރުމަށް ކަމަށް ބެލެވޭ" ފުލުހުން ބުނެއެވެ.

އިރުފާން ތަގިއްޔުގެ މައްޗަށް ތުހުމަތުކުރެވޭ މަސްތުވާތަކެތި އެތެރެ ކުރުމުގެ މައްސަލައިގެ ތަހުގީގު ނިންމައި 2021 ފެބްރިއަރީ 03 ވަނަ ދުވަހު ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހަށް ފޮނުވައި، 2021 ފެބްރުއަރީ 14 ގައި ވަނީ ދައުވާ އުފުލާފައެވެ. މި މައްސަލާގައި އިރުފާން ތަގިއްޔުއާއެކު ޖުމުލަ 10 މީހެއްގެ މައްޗަށް ދައުވާ އުފުލާފައިވެއެވެ.