Last Updated: June 28, 17:46
Sunday, June 28, 2026
ޚަބަރު

މީދޫ ބަނދަރު ތަރައްގީ ކުރުމުގެ މަސައްކަތް ނިމިއްޖެ

މީދޫ ބަނދަރު--

އައްޑޫސިޓީ މީދޫ ބަނދަރު ތަރަައްޤީ ކުރުމުގެ މަޝްރޫއުގެ އަމަލީ މަސައްކަތް ނިންމާލައިފިއެވެ.

އެ މަސައްކަތް ކުރަމުން އައި އެމްޓީސީސީން ބުނެފައިވަނީ، މީދޫ ބަނދަރު ތަރައްޤީ ކުރުމުގެ އަމަލީ މަސައްކަތް ވަނީ 31 މެއި ގައި ނިމިފައިވާކަމަށެވެ. މި މަޝްރޫއު އެމްޓީސީސީއާ ހަވާލުކޮށްފައިވަނީ 2019 ޖޫން 23 ގައެވެ.

މި މަޝްރޫއުގެ ދަށުން، ސ. މީދޫ ބަނދަރު ފުންކުރުމާއި، ބަނދަރުގެ ނެރު ފުންކުރުމާއި، 621 މީޓަރު އެއްގަމު ތޮށި ލުމާއި، އެއްގަމު ތޮށި ވަށައިގެން 3،125 އަކަމީޓަރު ސަރަހައްދެއްގައި ޕޭވްމަންޓް ހެދުމާއި، ބަނދަރުގައި ރޭމްޕް އެއް ހެދުމާއި، ނެރުބައްތި ހަރުކުރުމާއި ބަނދަރު ސަރަޙައްދުގައި ބައްތި ހަރުކުރުމުގެ އިތުރުން، ބަނދަރުގައި މޫރިންގ ހުކްސް ހަރުކުރުމާއި، ބޮލާޑް ހަރުކުރުމުގެ މަސައްކަތް ހިމެނޭ ކަމަސް އެމްޓީސީސީން މައުލޫމާތުދެއެވެ.

މި ބަނދަރަކީ އާންމުކޮށް ރާއްޖޭގައި ތަރައްޤީކުރަމުން އަންނަ ބަނދަރުތަކުގެ ޑިޒައިން އާއި ތަފާތު ބަނދަރެއް ކަމަށް އެމްޓީސީސީން މައުލޫމާތުދެއެވެ. މިގޮތުން ވާ އައްސާ ކުޅި ތަކުގެ އިތުރުން ވާ އައްސާނެ ބޮލާރޑް ވެސް ހަރުކުރެވިފާ ކަމަށާއި، އަދި ބަނދަރުގެ ޑިޒައިން ކުރެވިފައިވަނީ ކުރިން މީދޫ ގައި ދިމާވި ބޮޑުދިޔައިގައި ރަށަށް ރާޅުއެރުމުގެ މައްސަލަ ދިމާނުވާނެ ގޮތަށް އުސްކޮށް ކަމަށް އެމްޓީސީސީން ބުނެފައިވެއެވެ.

މި މަޝްރޫއުގެ އަގަކީ 36.5 މިލިއަން ރުފިޔާއެވެ.

އެމްޓީސީސީގެ ފަރާތުން އައްޑޫ ސިޓީގެ ތަރައްޤީއަށް ގިނަ މަޝްރޫއު ތަކެއްގެ އަމަލީ މަސައްކަތް ދަނީ ކުރަމުންނެވެ. މިގޮތުން ހުޅުދޫ ބަނދަރު ތަރައްޤީ ކުރުމާއި، ހުޅުމީދޫ ބަހާއުއްދީން މަގު ހެދުމުގެ މަސައްކަތާއި، ހުޅުމީދޫ މިފްކޯ ބަނދަރު ތަރައްޤީ ކުރުމާއި، މީދޫ ގޮނޑުދޮށް ހިމާޔަތް ކުރުމުގެ އިތުރުން ހިތަދޫގެ ކުރީގެ ބަނދަރު ތަރައްޤީ ކުރުމުގެ މަޝްރޫއު ގެ މަސައްކަތް ހިމެނެއެވެ. މި މަޝްރޫއުތަކަށް ގާތްގަނޑަކަށް 237 މިލިއަން ރުފިޔާ ހަރަދުވާނެ ކަމަށް ވެސް އެމްޓީސީސީން ބުނެފައިވެއެވެ. . އަދި މިނޫނަސް އައްޑޫ ސިޓީގައި އިތުރު ތަރައްޤީގެ މަޝްރޫއުތައް ކައިރި މުސްތަޤުބަލެއްގައި ފެށުމަށް ރޭވިފައިވާކަމަށް އެމްޓީސީސީން ބުނެފައިވެއެވެ.