Last Updated: June 28, 17:46
Sunday, June 28, 2026
ޚަބަރު

ދީނާއި ދެކޮޅު ކޮންމެ މީހަކީ ކާފަރަކަށް ނުވެ ހިނގައިދާނެ: އަލީ ހުސައިން

މެމްބަރު އަލީ ހުސައިން--

ދީނާ ދެކޮޅު ކޮންމެ މީހަކީ ކާފަރަކަށް ނުވެ ހިނގައިދާނެ ކަމަށް މަޖިލީހުގެ ކެންދޫ ދާއިރާގެ މެމްބަރު އަލީ ހުސައިން ވިދާޅުވެއްޖެއެވެ.

އަލީ ހުސައިން ކުރެއްވި ޓްވީޓެއްގައި މިފަދައިން ވިދާޅުވެފައިވާއިރު، އޭނާ އަންނަނީ "ނަފްރަތުގެ އަމަލު ހިންގުން" ކުށަކަށް ހެދުމަށް ޤާނޫނުލްއުޤޫބާތަށް ހުށަހަޅާފައިވާ އިސްލާހަށް ވެސް ފާޑުކިޔަމުންނެވެ.

އަލީ ހުސައިން ކޮށްފައިވާ ޓްވީޓްގައި ބުނެފައިވަނީ، މީހަކާ ދިމާލަށް ލާދީނީ އޭ ބުނުމާ، ކާާފަރެކޭ ބުނުމާ އެއީ ތަފާތު ދެކަމެއް ކަމަށެވެ.

"އިސްލާމްދީނާއި ދެކޮޅު މީހެކޭ ބުނުމާ، އެ މީހަކީ މުރުތައްދު ވެފައިވާ މީހެކޭ ބުނުން ތަފާތު ދެއްތޯ؟" އަލީ ހުސައިންގެ ޓްވީޓްގައިވެއެވެ.

އިސްލާމްދީނާއި ދެކޮޅު ކޮންމެ މީހަކީ އަދި ކާފަރަކަށް ނުވެ ހިނގައިދާނެ ކަމަށް އަލީ ހުސައިން ބުނެފައިވެއެވެ.

"ނަފްރަތުގެ އަމަލު ހިންގުން" ބަޔާންކޮށް ޤާނޫނުލްއުޤޫބާތަށް ހުށަހަޅާފައިވާ އިސްލާހަށް ބައެއް ފަރާތްތަކުން އަންނަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ. ހުށަހަޅާފައިވާ އިސްލާހުގެ (1) ވަނަ ނަންބަރުގެ (i)ގައި ވަނީ އާންމު ތަނެއްގައި ވަކި މީހަކީ އިސްލާމް ދީނާ ހިލާފަށް އުޅޭ ނުވަތަ އިސްލާމް ދީނާ ދެކޮޅު މީހަކު ކަމަށް ތުހުމަތު ކުރުމަކީ ކުށެއްކަމަށެވެ. އަދި އިސްލާހުގެ (1) ވަނަ ނަންބަރުގެ (ii) ގައި ވަނީ، އިސްލާމީ އަޤީދާއާ ގުޅުވާ މުޖުތަމައުގައި މީހަކާ މެދު ނަފްރަތު އުފެއްދުމަކީ ކުށެއްކަމަށެވެ. އަދި ހުށަހަޅާފައިވާ އިސްލާހުގެ 3 އަދި 4 ވަނަ ނަމްބަރުގައި ވަނީ، އާންމު ތަނެއްގައި މުސްލިމަކު ކާފަރެއްގެ ގޮތުގައި ސިފަ ކުރުން ނުވަތަ ސިފަ ކުރުމުގައި ބައިވެރިވުމާއި، އާންމުތަނެއްގައި މުސްލިމަކަށް ކާފަރެއް ކަމުގެ ތުހުމަތު ކުރުމަކީ ކުށެއްކަމަށެވެ.