ކައުންސިލްތަކަށް ސެކްރަޓަރީ ޖެނެރަލް އައްޔަނު ކުރުމުގައި ކައުންސިލްގެ ލަފާ ނުހޯދާ ގޮތަށް ލާމަރުކަޒީ ޤާނޫނަށާއި، ދިވެހި ސިވިލް ސާވިސްގެ ގާނޫނަށް އިސްލާހު ހުށަހަޅައިފިއެވެ.
މި ދެ ޤާނޫނަށް އިސްލާހު ހުށަހަޅާފައިވަނީ ގެމަނަފުށީ ދާއިރާގެ މެމްބަރު އަހުމަދު ސައީދެވެ.
ލާމަރުކަޒީ ޤާނޫނަށް 2019 ވަނަ އަހަރު ގެނައި ބޮޑު އިސްލާހުގައި އެޤަނޫނުގެ 126 ވަނަ މާއްދާގެ (ހ)ގައި ބުނެފައިވަނީ، ކައުންސިލްގެ އެންމެ އިސް އިދާރީ މުވައްޒަފެއްގެ ގޮތުގައި، ކައުންސިލްގެ ލަފަޔާއެކު، ކައުންސިލްގެ ސެކްރަޓަރީ ޖެނެރަލްކަމުގެ މަޤާމަށް މީހަކު އައްޔަނުކުރާނީ ސިވިލް ސާވިސް ކޮމިޝަނުން ކަމަށެވެ.
އެހެންނަމަވެސް ސައީދު އެ މާއްދާއަށް ހުށަހަޅާފައިވާ އިސްލާހުގައި ވަނީ ކައުންސިލްގެ އެންމެ އިސް އިދާރީ މުވައްޒަފެއްގެ ގޮތުގައި، ކައުންސިލްގެ ސެކްރަޓަރީ ޖެނަރަލްކަމުގެ މަޤާމަށް މީހަކު އައްޔަނު ކުރާނީ ސިވިލް ސާވިސް ކޮމިޝަނުން ކަމަށެވެ. ހަމަ މިގޮތަށް މި އިސްލާހު މެމްބަރު ސައީދު ވަނީ ސިވިލް ސާވިސްގެ ޤާނޫނަށް ވެސް ހުށަހަޅާފައެވެ.
އިސްލާހު ހުށަހެޅި ސަބަބެއްގެ ގޮތުން ސައީދު ވިދާޅުވެފައިވަނީ، ސިވިލް ސާވިސްގެ ވަޒީފާތަކަށް ކުރިމަތިލުމުގެ ފުރުސަތު ފާޅުކަންބޮޑު ގޮތެއްގައި ހުޅުވާލައި އެކަށީގެންވާ ހަމަހަމަ ފުރުސަތު މުޖުރަމައުގެ ހުރިހާ ފަރާތްތަކަށްވެސް ލިބިދެވޭނެ ނިޒާމެއް ޤާއިމު ވެފައި އޮތުމާއި، ސިޔާސީ މަސްލަހަތުތަކުން އެކަހެރިވެފައިވާ، ވަކި ފަރާތެއްގެ ނުފޫޒަކަށް ތަބާނުވާ، އަދި ވަކިފަރާތެއްގެ ރުހުން ހޯދުމަށް މަސައްކަތްނުކުރާ، ޕްރޮފެޝަނަލް މިންގަނޑުތަކަކުން ހިދުމަތް ފޯރުކޮށްދިނުމަށް ސިވިލް ސާވިސް ގާނޫނުގައި ބަޔާންކޮށްފައިވާތީ ކަމަށެވެ.