Last Updated: June 28, 13:55
Sunday, June 28, 2026
ޚަބަރު

ޖަމީލް، ނަސީމަށް: "ރައްޔިތުންގެ ބާރު ދެއްކުމުގެ ކުރިން އިސްތިއުފާ ދެއްވާ"

ރައްޔިތުންގެ ބާރު ދެއްކުމުގެ ކުރިން އިސްތިއުފާ ދެއްވުމަށް ކުރީގެ ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލް އަހުމަދު ހެލްތް މިނިސްޓަރު އަހުމަދު ނަސީމަށް ގޮވާލައްވައިފިއެވެ.

ޖަމީލް މިފަދައިން ވިދާޅުވެ ޓްވީޓް ކުރައްވާފައިވަނީ ކޮވިޑް-19 ގައި ރާއްޖެއިން މިހާތަނަށް މަރުވި އެންމެ ކުޑަ ކުއްޖާގެ މަރުގެ މައްސަލައިގައި ކުރެއްވި ޓްވީޓެއްގައެވެ.

އެގޮތުން ޖަމީލް ވިދާޅުވެފައިވަނީ ކޮވިޑްގެ ހާލަތު ގޯސްވި އިރު ވެންޓިލޭޓަރު ނުގެނެވޭ ކަމަށާއި، ފެސިލިޓީތައް އިތުރު ނުކުރެވޭ ކަމަށެވެ. އަދި އެމްބިއުލަންސް ވެސް އިތުރު ނުކުރެވުނު ކަމަށާއި، އަތޮޅު ތެރޭގައި ބައްޔަށް ޓެސްޓް ކުރުންވެސް އިތުރު ނުކުރެވުނު ކަމަށެވެ.

މިކަމުގެ ތެރެއިން އިތުރީ ސަރުކާރުގެ ހަރަދު އެކަނި ކަމަށާއި، ރައްޔިތުންގެ ބާރު ދެއްކުމުގެ ކުރިން މިނިސްޓަރު ނަސީމް މަގާމުން އިސްތިއުފާ ދެއްވަންޖެހޭ ކަމަށް ޖަމީލްގެ ޓްވީޓްގައިވެއެވެ.

10 އަހަރުގެ މިޝްކާގެ މަރާއި ގުޅިގެން އެމްބިއުލަންސް ފޮނުވުމުގައި ލަސްވި މައްސަލަ ހެލްތް މިނިސްޓްރީން އަންނަނީ ބަލަމުންނެވެ. މިނިސްޓްރު ނަސީމް ވިދާޅުވެފައިވަނީ އެ މަރު ހިނގުމުގައި އިހުމާލު ވެފައިވާކަމަށެވެ.

މި މައްސަލައިގައި ގިނަ ބަޔަކު ސަރުކާރަށް ފާޑުކިޔަމުން އަންނައިރު، އިދިކޮޅު ޕީޕީއެމް ޕީއެންސީ ކޯލިޝަނުން ވަނީ މިނިސްޓަރު ނަސީމު އިސްތިއުފާ ދިނުމަށްވެސް ގޮވާލާފައެވެ.