Last Updated: June 28, 13:55
Sunday, June 28, 2026
ޚަބަރު

މިޝްކާ މަރުގެ މައްސަލައިގެ ތަހުގީގު ރިޕޯޓް ނިމިއްޖެ، މައުލޫމާތު އާންމުކުރުން މިއަދު

ކޮވިޑް-19 ގައި ރާއްޖެއިން މިހާތަނަށް ނިޔާވި އެންމެ ކުޑަ ކުއްޖާ، ފާތިމަތު މިޝްކާ މުހައްމަދު ނިޔާވި މައްސަލައިގެ ތަހުގީގު ރިޕޯޓް ނިމިފައިވާ ކަމަށް ހެލްތް މިނިސްޓްރީން ބުނެފިއެވެ.

"އައްޑޫލައިވް"އަށް މައުލޫމާތު ދެމުން ހެލްތް މިނިސްޓްރީގެ މީޑިއާ އޮފިޝަލް ވިދާޅުވީ އެ މައްސަލައިގެ ތަހުގީގު ރިޕޯޓް މިހާރު ނިމިފައިވާކަމަށެވެ.

އަދި އެ ރިޕޯޓްގައިވާ މައުލޫމާތުތައް މިއަދު ހިއްސާ ކުރާނެ ކަމަށާއި، އެކަމަށް ޕްރެސްއެއް ބާއްވާނެ ކަމަށް ވިދާޅުވިއެވެ.

އެޗްއީއޯސީން ބާއްވާ ޕްރެސްތައް އާންމުކޮށް ބާއްވަމުން އަންނަނީ ހަވީރު ކަމުން ބޮޑަށް ލަފާކުރެވެނީ އެ މައުލޫމާތު ހާމަކުރާނީ ހަވީރު ބާއްވާ ޕްރެސްގައި ކަމަށެވެ. ހެލްތް މިނިސްޓްރީގެ މީޑިއާ އޮފިޝަލް ވިދާޅުވީ، ޕްރެސް ބާއްވާ ގަޑި ފަސްވާނަމަ އެކަން މީޑިއާއަށް ހިއްސާކުރާނެ ކަމަށެވެ.

މިޝްކާގެ މަރުގެ މައްސަލައިގައި ހެލްތް މިނިސްޓަރު އަހުމަދު ނަސީމް ރޭ ވިދާޅުވީ، މިޝްކާ މަރުވި މައްސަލައިގައި އޭނާ ހޮސްޕިޓަލަށް ގެންދިޔުމާއި އެކަމަށް އެޓެންޑް ކުރެވުނު މީހުންގެ އިހުމާލު އެބައޮތް ކަމަށެވެ.

އައިޖީއެމްއެޗް ހޮސްޕިޓަލްގެ އީއާރުގައި ފަރުވާ ދެމުން ދަނިކޮށް ނިޔާވި ހދ. ކުޅުދުއްފުއްޓަށް ނިސްބަތްވާ މިޝްކާގެ އާއިލާ މީހަކު ސޯޝަލް މީޑިއާގައި ހިއްސާ ކުރި ޕޯސްޓެއްގައި ބުނީ އެ ކުއްޖާގެ މަންމަ އާއި ބައްޕަ އަދި އެކުއްޖާ ކޮވިޑަށް ޕޮޒިޓިވް ކަމަށާއި، ކަރަންޓީނު ވެގެންތިބީ ގޭގައި ކަމަށެވެ. އަދި ކުއްޖާ ނޭވާލާން އުނދަގޫވެގެން އެޗްޕީއޭއަށް ގުޅިކަމަށާއި، ކުއްޖާ ބަލައި އެމްބިއުލެންސް އައީ ގުޅިތާ 2 ގަޑި އިރާއި 40 މިނިޓް ފަހުން ކަމަށެވެ.

އެ ކުއްޖާގެ ހާލު ދެރަވާން ފެށީ 9 ޖަހާކަށް ހާއިރު ކަމަށް އެމީހާ ބުނެފައިވެއެވެ. އަދި ނޭފަތުން ލޭ އައުމުން އެކަން އެޗްޕީއޭއަށް އަންގައި އަވަހަށް އެމްބިއުލެންސް ފޮނުވައި ދިނުމަށް އާދޭސް ކުރިކަމަށް އެމީހާ ބުނެފައިވެއެވެ. ނަމަވެސް އެމްބިއުލެންސް އައީ 11:40 ހާއިރު ކަމަށްވެސް ބުނެފައިވެއެވެ.