ހުޅުމާލޭގައި 3،000 ހައުސިން ޔުނިޓް އަޅަން ސީ ލައިފް ގްލޯބަލްއާ ހަވާލުކުރުމުން އެ ތަންތަން ވިއްކުމުގެ ނަމުގައި އެތައް ބައެއްގެ އަތުން ބުކިން ފީ ނެގުމަށް ފަހު، މަސައްކަތް ނުކޮށް ފިލައިގެން އުޅެނިކޮށް ރާއްޖެއިން ބޭރުން ހައްޔަރުކޮށް ގެނެސްފައިވާ ސީލައިފް ގްލޯބަލްގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު އަހުމަދު މޫސާ (އައްމަޓީ) ގެ ބަންދށް އިތުރު 8 ދުވަސް ޖަހައިފިއެވެ.
އައްމަޓީގެ ބަންދަށް އިތުރު އަށް ދުވަސް ޖަހާފައިވަނީ އިއްޔަ ބަންދުގެ މުއްދަތު އިތުރު ކުރުމަަށް ކޯޓަށް ގެންދިއުމުންނެވެ. ފުލުހުން އިއްޔަ ކޯޓުގައި އެދިފައިވަނީ ޝަރީއަތް ނިމެންދެން އޭނާ ބަންދުގައި ބެހެއްޓުމަށް އަމުރުކުރުމަށެވެ. އެހެންނަމަވެސް މައްސަލައިގައި ދައުވާ ކޮށްފައި އޮތުމުން އެކަމާ މެދު ގޮތެއް ނިންމުމަށް ދޫކޮށްލާނީ މައްސަލަ ބައްލަވާ ގާޒީއަށް ކަމަށް ނިންމާ އޭނާގެ ބަންދަށް އަށް ދުވަސް ޖަހައިދިނެވެ.
މުއްދަތު މަޖިލީހުގައި އައްމަޓީ ވަނީ އޭނާއަށް ސިއްހީ ފަރުވާ ނުލިބޭކަމަށްބުނެ އެކަމުގެ ޝަކުވާ ކޮށްފައެވެ. އަދި އެ އިންތިޒާމު ހަމަޖެއްސުމަށް ފުލުހުންނާއި ދައުލަތަށް ވަނީ އަންގާފައެވެ.
އަންމަޓީއަށް 42 ދައުވާއެއް އުފުލާފައިވޭ!
13 މާރިޗު 2014 ދުވަހު، ހައުސިންގ ޑިވަލޮޕްމެންޓް ކޯރޕަރޭޝަން (އެޗްޑީސީ) އާއި ސީ-ލައިފް ގްލޯބަލް އިންކް ޕްރައިވެޓް ލިމިޓެޑާ ދެމެދު ވެފައިވާ އެއްބަސްވުމެއްގެ ދަށުން ހުޅުމާލޭގައި 3000 (ތިންހާސް) ހައުސިންގ ޔުނިޓް އެޅުމަށް، ސީ-ލައިފް ގްލޯބަލް އިންކް ޕްރައިވެޓް ލިމިޓެޑާ ޙަވާލުކުުރުމުން، އެ އެއްބަސްވުމުގައިވާ މުއްދަތުގައި ހައުސިންގ ޔުނިޓްތައް އެޅުމުގެ އަމަލީ މަސައްކަތް ފުރިހަމަނުކޮށް، މަކަރާއި ހީލަތުން އެކި މީހުން އަތުން ބޮޑެތި އަދަދުތަކުން ފައިސާ ނަގައި، އެ ފައިސާއަށް ހިޔާނާތްތެރިވެފައިވާ ކަަމަށް ތުހުމަތުކުރެވުނު މައްސަލައިގައި އައްމަޓީގެ މައްޗަށް ދައުވާ ކޮށްފައިވަނީ 30 މޭ ގައެވެ.
މި މައްސަލައިގައި އައްމަޓީގެ މައްޗަށް ވަނީ ހިޔާނާތްތެރިވުމުގެ ކުށުގެ 12 ދައުވާއާއި ހިޔާނާތްތެރިވުމުގެ ކުށުގެ 25 ދައުވާގެ އިތުރުން ހިޔާނާތްތެރިވުމުގެ ކުށުގެ 5 ދައުވާ އުފުލާފައެވެ.
ޕީޖީ އޮފީހުން ބުނެފައިވަނީ މި ކުށްތަކަށް ޤާނޫނުގައި ކަނޑައަޅާފައިވާ އަދަބަށް ބަލާއިރު، މި ދައުވާތައް ސާބިތުވެއްޖެނަމަ 65 އަހަރު ދުވަހުގެ ޖަލު އަދަބެއް ކަނޑައެޅޭނެކަމަށް ބެލެވޭކަމަށެވެ.
އިންޓަޕޯލް ރެޑްނޯޓިސްވެސް ނެރެފައިވާ އަންމަޓީ ލަންކާއިން ހައްޔަރުކޮށްފައިވަނީ ފެބްރުއަރީ 21 ވަނަ ދުވަހުއެވެ. އައްމަޓީ ހައްޔަރުކުރަން އިންޓަޕޯލް އިން ރެޑް ނޯޓިސް ނެރުނީ 2019 ވަނަ އަހަރުގެ އޭޕްރީލް މަހުގައެވެ.