ތުލުސްދޫ ދާއިރާ މިހަރު ތަމްސީލު ކުރައްވާ ރޮޒެއިނާ އާދަމް އެމްޑީޕީއަށް ސޮއިކޮށް އަންނަ ރައްޔިތުންގެ މަޖިލިސް އިންތިހާބްގައި މީދޫ ދައިރާއަށް ކުރިމަތިލައްވާނެ ކަމަށް ވިދާޅުވެ ޓްވީޓެއް ކުރެއްވުމާއި ގުޅިގެން މީދޫގެ ގިނަ ބައެއްގެ ފާޑު ކިއުންތައް އެކަމަނާއަށް އަމާޒުވާން ފަށައިފި އެވެ.
ރޮޒައިނާއަށް އެންމެ ބޮޑަށް ފާޑުކިއުންތައް އަމާޒުވެފައިވަނީ ސޯޝަލް މީޑިއާ ތެރޭގައެވެ. އެގޮތުން ރޮޒައިނާ މީދޫ ދާއިރާއަށް ކުރިމަތިލައްވަނީ "ވެލި ކާން" ކަމަށް ބައެއް ފަރާތްތަކުން ވަނީ ބުނެފަ އެވެ.
އަދި މަޖިލިސް އަށް ކުރިމަތި ލައްވަން މި ނޫން ދާއިރާއެއް ނުފެނުނީތޯ ވެސް ބައެއް ފަރާތަކުން ވަނީ ސުވާލުކޮށްފަ އެވެ. ރޮޒައިނާއަކީ އައްޑޫ މީހެއް ނޫން ކަމަށާއި، މީދޫ އަކީ ރޮޒައިނާ ދަންނަ ތަނެއް ނޫންކަމަށް ވެސް ބައެއް ފަރާތަކުން ދަނީ ބުނެމުންނެވެ.
މިފާޑުކިއުން ތަަކަށް ރޮޒައިނާވެސް އަންނަނީ ސޯޝަލް މީޑިއާގައި ރައްދު ދެއްވަމުންނެވެ.
އެގޮތުން އެކަމަނާގެ މަންމައަކީ އައްޑޫ މީހެއް ކަމަށް ވަނީ ބުނެފަ އެވެ. އަދި އެ ދާއިރާއިން ކުރިމަތިލައްވާ އިރު ވަކި ބަޔަކާ ދެކޮޅަށް އެންޓިކެމްޕެއިން ކުރައްވަން ގަސްތު ނުކުރައްވާ ކަމަށެވެ. އަދި މަޖިލިސްގައި އަދާ ކުރެއްވި ރޯލުން އިތުބާރު ލިބިފައިވާ ކަމަށް ބުނެފައިވެ އެވެ.
ރޮޒައިނާގެ މާމަ ފަރާތުގެ އާއިލާ މީދޫގައި އޮތަސް، އެކަމަނާ ދަންނަ ބަޔަކު މީދޫން ވަރަށް މަދެވެ. ގިނަ ބަޔަކަށް ރޮޒެއިނާ އެނގިފައި ވަނީ ދާދި ފަހުން "ގައުމާއިގެން ކުރިއަށް" ކޯލިޝަނުން ކެމްޕެއިން ތެރޭ މީދު އަށް ޒިޔާރަތް ކުރުމުންނެވެ. އަދި އޭގެ ފަހުން ރިއާސީ އިންތިހާބްގެ ދުވަސްވަރު އެމްޑީޕީގެ އިސް ފަރާތްތަކާ އެކު ރޮޒައިނާ ވަނީ މީދު އަށް ޒިޔާރަތްކޮށްފަ އެވެ.
މިފަހަރުގެ އިންތިހާބްގައި އަލަށް މީދޫ/ މަރަދޫ ފޭދޫ އަށް ލިބޭ ގޮޑިއަށް ރޮޒައިނާ ކުރިމަތިލައްވާކަން އިއުލާން ކުރުމާ ގުޅިގެން އޭނާ އަށް ވަނީ އާއްމު ސިޓީއެއް ވެސް ފޮނުވާފަ އެވެ. އެގޮތުން ފެއިލްވެފައިވާ މީހަކަށް މީދޫގެ ގޮޑި ދެވެން ނެތްކަމަށް ވެސް އެ ސިޓީގައިވެ އެވެ.
ރޮޒައިނާ މީދޫ ދާއިރާއަށް ކުރިމަތި ލައްވާއިރު އެކަމަނާ ފުރަތަމަ ޖެހިވަޑައިގަންނަވާނީ އެދާއިރާގެ އެމްޑީޕީ ޕްރައިމެރީ ކާމިޔާބް ކުރައްވާށެވެ. އެކަމަކީ ވެސް ފަސޭހަ ކަމެއް ނޫންކަން ވަނީ އެނގި ގޮސްފަ އެވެ. މީދޫ ދާއިރާ އިން އެމްޑީޕީ ޕްރައިމެރީގައި ވާދަ ކުރަން ބުނެފައިވާ މީދޫ އަރިވަރު ޝަހީމް ވަނީ ރޮޒެއިނާގެ ޓްވީޓަށް ރައްދު ދީފަ އެވެ.
ޝަހީމް އަކީ މީދޫ އެމްޑީޕީ "ލަޝްކަރު"ގެ ކޮމާންޑަރެވެ. އެހެންވެ ރޮޒައިނާ އަށް މިފަހަރު ރަނގަޅަށް "ވެލި ކާން" ދޭނެ އެވެ.