Last Updated: June 29, 18:33
Monday, June 29, 2026
ޚަބަރު

ކައުންސިލްގެ ލަފަޔާ ނުލާ އެސްޖީ އައްޔަނުކުރެވޭ އިސްލާހަށް ތާއީދެއް ނޫން: ވައްޑޭ

އުނގޫފާރު ދާއިރާގެ މެމްބަރު މުޙައްމަދު ވަހީދު - ފޮޓޯ: މަޖިލިސް

ކައުންސިލްތަކަށް ސެކްރަޓަރީ ޖެނެރަލް އައްޔަނު ކުރުމުގައި ކައުންސިލްގެ ލަފާ ނުހޯދާ ގޮތަށް ލާމަރުކަޒީ ޤާނޫނަށާއި، ދިވެހި ސިވިލް ސާވިސްގެ ގާނޫނަށް ހުށަހަޅާފައިވާ އިސްލާހަށް ތާއީދު ނުކުރާ ކަމަށް އުނގޫފާރު ދާއިރާގެ މެމްބަރު މުހައްމަދު ވަހީދު (ވައްޑޭ) ވިދާޅުވެއްޖެއެވެ.

މި ދެ ޤާނޫނަށް އިސްލާހު ހުށަހަޅާފައިވަނީ ގެމަނަފުށީ ދާއިރާގެ މެމްބަރު އަހުމަދު ސައީދެވެ.

ވައްޑޭ ކުރި ޓްވީޓެއްގައި ބުނެފައިވަނީ އެ އިސްލާހަށް ތާއީދު ނުކުރަަ ކަމަށެވެ.

ލާމަރުކަޒީ ޤާނޫނަށް 2019 ވަނަ އަހަރު ގެނައި ބޮޑު އިސްލާހުގައި އެޤަނޫނުގެ 126 ވަނަ މާއްދާގެ (ހ)ގައި ބުނެފައިވަނީ، ކައުންސިލްގެ އެންމެ އިސް އިދާރީ މުވައްޒަފެއްގެ ގޮތުގައި، ކައުންސިލްގެ ލަފަޔާއެކު، ކައުންސިލްގެ ސެކްރަޓަރީ ޖެނެރަލްކަމުގެ މަޤާމަށް މީހަކު އައްޔަނުކުރާނީ ސިވިލް ސާވިސް ކޮމިޝަނުން ކަމަށެވެ.

އެހެންނަމަވެސް ސައީދު އެ މާއްދާއަށް ހުށަހަޅާފައިވާ އިސްލާހުގައި ވަނީ ކައުންސިލްގެ އެންމެ އިސް އިދާރީ މުވައްޒަފެއްގެ ގޮތުގައި، ކައުންސިލްގެ ސެކްރަޓަރީ ޖެނަރަލްކަމުގެ މަޤާމަށް މީހަކު އައްޔަނު ކުރާނީ ސިވިލް ސާވިސް ކޮމިޝަނުން ކަމަށެވެ. ހަމަ މިގޮތަށް މި އިސްލާހު މެމްބަރު ސައީދު ވަނީ ސިވިލް ސާވިސްގެ ޤާނޫނަށް ވެސް ހުށަހަޅާފައެވެ.