Last Updated: June 28, 13:55
Sunday, June 28, 2026
ޚަބަރު

އިސްލާމް ދީނާ ހިލާފު ވީމާ ލާދީނީ ކަމަށް ބުނެވެން ޖެހޭ: ރައީސް ނަޝީދު

ރައީސް މުހައްމަދު ނަޝީދު-- ފޮޓޯ: ރައްޔިތުންގެ މަޖިލިސް

އިސްލާމް ދީނާ ހިލާފު ވީމާ ލާދީނީ ކަމަށް ބުނެވެން ޖެހޭނެ ކަމަށް މަޖިލީހުގެ ރައިސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

ރައީސް ނަޝީދު މިފަދައިން ވިދާޅުވެފައިވަނީ އާންމު ކުރެއްވި ލިޔުމެއްގައެވެ.

"ވައްކަން ކުރީމާ ވަގަށް ގޮވޭ ހަމާގައި އިސްލާމް ދީނާ ހިލާފު ވީމާ ލާދީނީ ކަމަށް ބުުނެވޭން ޖެހެއެވެ." ރައީސް ނަޝީދުގެ ލިޔުމުގައިވެއެވެ.

ރައިސް ނަޝީދު އެމަނިކުފާނުގެ ލިޔުން ފައްޓަވަމުން ވިދާޅުވެފައިވަނީ، އެތައްބައެއްގެ ނަޒަރުގައި ވަކި މީހަކީ "ލާދީނީ" މީހެއްކަމަށް ބުނެވެން ޖެހޭ ކަމަށާއި، އަދި ހާއްސަ ގޮތެއްގައި އެމީހާއަކީ އެހެން މީހެއްގެ ނަޒަރުގައި އިސްލާމް ދީނުގެ އުސޫލްތަކާއި ހިލާފަށް އުޅޭ މީހެއް ނަމަ އެހެން ބުނެވެންޖެހޭ ކަމަށް ޤަބޫލުކުރާ ކަމަށެވެ.

"އިސްލާމް ދީނުގެ އެންމެ މަތިވެރި އުސޫލަކީ ޣައިބަށް އީމާންވުމެވެ. މާތްﷲ ދެކެ ދެނެވޮޑިގެންވާކަން ޝައްކަކާ ނުލާ ހިތުގެ އަޑީން ޤަބޫލުކުރުމާއި އަދި މުހައްމަދުގެފާނުއީ އެކަލާނގެ ރަސޫލާކަމަށްވެސް ހަމަ އެފަދައިން ޤަބޫލުކުރުމެވެ. ޝަހާދަތުގެ ދެކަލިމަ ފުރިހަމަ އަށް ޤަބޫލު ކުރުމެވެ." ރައީސް ނަޝީދުގެ ލިޔުއްވުމުގެ ފުރަތަމަ ޕެރެގްރާފުގައިވެއެވެ.

އެމަނިކުފާނަށް އަމާޒުކޮށް ދެވުނު ބޮމުގެ ހަމަލާއަށް އަލިއަޅުވާލާ ރައީސް ނަޝިދު ލިޔުއްވާފައިވަނީ އެވަގުތުގައި އެމަނިކުފާނުގެ ހިތަށްވަދެ އަދި ދުލުން ކިޔަމުން ގެންދެވުނު ބަސްތަކަކީ ޝަހާދަތުގެ ދެކަލިމައިގެ ބަސްތައް ކަމަށެވެ. ރައީސް ނަޝީދު ވިދާޅުވެފައިވަނީ އެމަނިކުފާނުގެ ނަސީބު ގަދައީ ކަމަށާއި، މިފަދަ ސާދާ ގޮތުގައި އީމާންތެރިކަން އިހުމަށްވުރެއް ވަރުގަދަ ވުމަށް މާތް ﷲ އަނެއްކާވެސް މެދުވެރި ކުރެއްވީ ކަމަށެވެ.

ރައީސް ނަޝީދު ވިދާޅުވެފައިވަނީ އެމަނިކުފާނަކީވެސް ލާދީނީ މީހެއްކަމަށް ބުނުމުގެ ހައްޤު އެހެން މީހުނަށް އޮންނަން ޖެހޭނެ ކަމަށް އެތައް ބަޔަކު ދެކޭކަމަށެވެ.

"މި މައްސަލައިގައި އަޅުގަނޑު ދެކޭގޮތް އެހާ މުހިންމެއް ނޫނެވެ. އަޅުގަނޑަކީ ކަނޑައެޅިގެން އިސްލާމެއް ކަމަށް އަޅުގަނޑު ދެކެ ހުރިއިރު، އަޅުގަނޑަކީ ލާދީނީ މީހެއްކަމަށް ބުނުމަށް އަޅުގަނޑަކު ނުއެދޭނެ ތާއެވެ." ރައިސް ނަޝީދުގެ ލިޔުއްވުމުގައިވެއެވެ.

ރައިސް ނަޝީދު ވިދާޅުވެފައިވަނީ އެމަނިކުފާނާ ދިމާލަށް ލާދީނީއޭ މީހުން ގޮވަނީ، އިސްލާމް ދީން ޤަބޫލުކުރާ އެހެން މީހުންގެ ހިތްތަކުގައި އެމަނިކުފާނާ މެދު ނަފްރަތު އުފެއްދުމުގެ ބޭނުމުގައި ކަމަށް ވެދާނެ ކަމަށެވެ.

ދިވެހި ދައުލަތުގެ ދީނަކީ އިސްލަމް ދީން ކަމާއި، އިސްލާމް ދީނާއި ހިލާފަށް ދައުލަތުގެ އެއްވެސް ކަމެއް ނުކުރެވޭނެ ކަމަށް ޤާނޫނުއަސާސީގައި ސާފު ބަހުން ލިޔެފައިވާކަން ފާހަގަކޮށް ރައީސް ނަޝީދު ވިދާޅުވެފައިވަނީ، ރާއްޖޭގެ ޤާނޫނީ ހުކޫމަތު ބިނާވެފައިވަނީ އިސްލާމް ދީނުގެ އަސްލުތަކާއި ހަމަތަކުގެ މަތީގައި ކަމަށެވެ.

އަދި މީހަކު ލާދީނީ ވެއްޖެ ނަމަ އެމީހެއްގެ މައްޗަށް ދިވެހި ޤާނޫނު ހިިންގޭނެ ކަމަށާއި، އަދި އަދަބުވެސް ހިންގާ ކަމަށް ވިދާޅުވިއެވެ.

"އިސްލާމް ދީނުގެ ދިފާއުގައި ތެދުވާނީ ދިވެހި ދިވެހި ދައުލަތެވެ. މި ދައުލަތް ރޭވިފައިވާ ގޮތުގައި ދިވެހި ދައުލަތުގެ ފަރާތުން ވަކި ފަރުދުން ކުރާންޖެހޭ ކަންތައް ތަކެއް ހުރެއެވެ." ރައީސް ނަޝިދު ލިޔުއްވާފައިވެއެވެ.

ވަކި މީހަކީ ލާދީނީ މީހެއްކަމަށް ބުނުމަކީ ޖިނާއީ ކުށެއްގެ ތުހުމަތު ކުރުންކަން ފާހަގަކޮށް ރައީސް ނަޝީދު ވިދާޅުވެފައިވަނީ، އޭގެ މައްޗަށް ޖިނާއީ ދައވާ އުފުލޭނެ ކަމަށެވެ. އެއްވެސް މީހަކު ޤާނޫނާ ހިލާފު ވާނަމަ، އެ ރައްޔިތެއްގެ ވާޖިބަކީ، އެކަމެއް ދިވެހި ދައުލަތުގެ ކަމާ ގުޅޭ އިދާރާތަކަށް އެންގުން ކަމަށްވެސް ލިޔުއްވާފައިވެއެވެ.

ރައީސް ނަޝީދު ވިދާޅުވެފައިވަނީ އިސްލާމް ދީނާއި ދައުލަތުގެ ދިފާއުގައި ހަރަކާތްތެރިވާނީ ވަކި ފަރުދެއް ނޫން ކަމަށާއި، އެކަންކުރާނީ ދައުލަތުގެ ވުޒާރާ ތަކުން ކަމަށެވެ. އަދި ތިމަންނާ އަކީ ދައުލަތް ކަމުގައި ދެކުމުގެ ޖާގަ ނެތްކަމަށްވެސް ލިޔުއްވާފައިވެއެވެ. މީހަކާއި ދިމާލަށް ލާދީނީ އޭ ބުނަނީ އެހެން މީހުންގެ ހިތްތަކުގައި ނަފްރަތު އުފެއްދުމަށްކަމަށް ރައީސް ނަޝިދު ވިދާޅުވެފައިވެއެވެ.