Last Updated: June 28, 13:55
Sunday, June 28, 2026
ޚަބަރު

"އަޅުގަނޑަކީ ލާދީނީ މީހެއްކަމަށް ބުނުމަށް އަޅުގަނޑު ނޭދޭނެ"

ރައީސް މުހައްމަދު ނަޝީދު-- ފޮޓޯ: ރައްޔިތުންގެ މަޖިލިސް

އެމަނިކުފާނަކީ ލާދީނީ މީހެއްކަމަށް އެހެން މީހުން ބުނުމަށް ނުއެދޭކަމަށް މަޖިލީހުގެ ރައިސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

ރައިސް ނަޝީދު އާންމު ކުރެއްވި ލިޔުއްވުމުގައި ވިދާޅުވެފައިވަނީ އެމަނިކުފާނަކީވެސް ލާދީނީ މީހެއްކަމަށް ބުނުމުގެ ހައްޤު އެހެން މީހުނަށް އޮންނަން ޖެހޭނެ ކަމަށް އެތައް ބަޔަކު ދެކޭކަމަށާއި، އެ މައްސަލައިގައި އެމަނިކުފާނު ދެކޭގޮތް އެހާ މުހިންމު ނޫން ކަމަށެވެ.

"އަޅުގަނޑަކީ ކަނޑައެޅިގެން އިސްލާމެއް ކަމަށް އަޅުގަނޑު ދެކެ ހުރިއިރު، އަޅުގަނޑަކީ ލާދީނީ މީހެއްކަމަށް ބުނުމަށް އަޅުގަނޑަކު ނުއެދޭނެ ތާއެވެ." ރައީސް ނަޝީދުގެ ލިޔުއްވުމުގައި ވެއެވެ.

ރައިސް ނަޝީދު ވިދާޅުވެފައިވަނީ އެމަނިކުފާނާ ދިމާލަށް ލާދީނީއޭ މީހުން ގޮވަނީ، އިސްލާމް ދީން ޤަބޫލުކުރާ އެހެން މީހުންގެ ހިތްތަކުގައި އެމަނިކުފާނާ މެދު ނަފްރަތު އުފެއްދުމުގެ ބޭނުމުގައި ކަމަށް ވެދާނެ ކަމަށެވެ.

ދިވެހި ދައުލަތުގެ ދީނަކީ އިސްލަމް ދީން ކަމާއި، އިސްލާމް ދީނާއި ހިލާފަށް ދައުލަތުގެ އެއްވެސް ކަމެއް ނުކުރެވޭނެ ކަމަށް ޤާނޫނުއަސާސީގައި ސާފު ބަހުން ލިޔެފައިވާކަން ފާހަގަކޮށް ރައީސް ނަޝީދު ވިދާޅުވެފައިވަނީ، ރާއްޖޭގެ ޤާނޫނީ ހުކޫމަތު ބިނާވެފައިވަނީ އިސްލާމް ދީނުގެ އަސްލުތަކާއި ހަމަތަކުގެ މަތީގައި ކަމަށެވެ.

އަދި މީހަކު ލާދީނީ ވެއްޖެ ނަމަ އެމީހެއްގެ މައްޗަށް ދިވެހި ޤާނޫނު ހިިންގޭނެ ކަމަށާއި، އަދި އަދަބުވެސް ހިންގާ ކަމަށް ވިދާޅުވިއެވެ.

"އިސްލާމް ދީނުގެ ދިފާއުގައި ތެދުވާނީ ދިވެހި ދިވެހި ދައުލަތެވެ. މި ދައުލަތް ރޭވިފައިވާ ގޮތުގައި ދިވެހި ދައުލަތުގެ ފަރާތުން ވަކި ފަރުދުން ކުރާންޖެހޭ ކަންތައް ތަކެއް ހުރެއެވެ." ރައީސް ނަޝިދު ލިޔުއްވާފައިވެއެވެ.

ލާދީނީ ގޮވުމާ ގުޅޭގޮތުން ރައީސް ނަޝީދު ލިޔުއްވުމެއް އާންމު ކުރައްވާފައި މިވަނީ، މުސްލިމަކީ ކާފަރެއްކަމަށް ބުނުން ކުށަކަށް ހެދުމަށް ޤާނޫނުލްއުޤޫބާތަށް އިސްލާހު ހުށަހަޅާފައިވަނިކޮށެވެ. އަދި އެ އިސްލާހަށް ބައެއް ފަރާތްތަކުން އަންނަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ.