ޗެލްސީގެ ކޯޗު ތޯމަސް ޓުޗެލް އާއި އެ ޓީމުގެ ޑިފެންޑަރު ތިއާގޯ ސިލްވާ އަދި ފޯވާޑް އޮލިވިއޭ ޖިރޫޑް ކޮންޓްރެކްޓް އާކޮށްފިއެވެ.
ޓުޗެލް ކޮންޓްރެކްޓް އާކޮށްފައިވަނީ ދެ އަހަރު ދުވަހުގެ މުއްދަތަކަށެވެ. އަދި ސިލްވާ އާއި ޖިރޫޑް ކޮންޓްރެކްޓް އާކުރީ އެއް އަހަރު ދުވަހަށެވެ. ޖިރޫޑްގެ ކޮންޓްރެކްޓް މި މަހުގެ ނިޔަލަށް ހަމަވާ ގޮތަށް އޮތްއިރު، އޭނާގެ ކޮންޓްރެކްޓް އިތުރު އެއް އަހަރަށް އާކުރުމުގެ އޮޕްޝަން އެކްޓިވޭޓް ކުރީ މިދިޔަ އޭޕްރީލް މަހު ކަމަށް ޗެލްސީން ބުނެއެވެ.
ކޮންޓްރެކްޓް އާކުރި ނަމަވެސް ކުޅުމުގެ ފުރުސަތު މަދުން ލިބޭތީ ކުރިއަށް އޮތް ޓްރާންސްފާ މާކެޓުގައި ޖިރޫޑް އެ ކްލަބު ދޫކޮށްލުމަކީ އަދިވެސް ގާތް ކަމެކެވެ. އެގޮތުން ޖިރޫޑް ހޯދަން އޭސީ މިލާނުން އަންނަނީ މަސައްކަތް ކުރަމުންނެވެ.
ޗެމްޕިއަންސް ލީގުގެ ކާމިޔާބީ އަށްފަހު ޗެލްސީން ކޮންޓްރެކްޓުތަކެއް އާކޮށްފައިވާއިރު، އޭސީ މިލާނަށް ލޯނަކަށް ދޫކޮށްފައިވާ އިންގްލޭންޑުގެ ޒުވާން ޑިފެންޑަރު ފިކާޔޯ ޓޮމޯރީ ދާއިމީ ގޮތަކަށް އެ ކްލަބަށް ބަދަލުވާން މިހާރު ވަނީ ނިންމާފައެވެ. އެގޮތުން ޓޮމޯރީ ވިއްކާލުމުން ޗެލްސީ އަށް 28 މިލިއަން ޔޫރޯ ލިބޭނެއެވެ.
މީގެއިތުރުން ޗެލްސީގެ ޑިފެންޑަރު އެމަސަން ގެންނަން އިންޓަ މިލާނުން މަސައްކަތް ކުރާއިރު، ޗެލްސީން އަންނަނީ ފޯވާޑަކާއި، މިޑްފީލްޑަރެއްގެ އިތުރުން ޑިފެންޑަރެއް ހޯދުމުގެ މަސައްކަތް ކުރަމުންނެވެ.