Last Updated: June 28, 13:55
Sunday, June 28, 2026
ޚަބަރު

ޕޮޒިޓިވް ފަރާތްތައް ޑޮކްޓަރަށް ދައްކަން ދެވޭނެ އިންތިޒާމު ހަމަޖައްސަނީ

އެޗްޕީއޭގެ އާރުއާރުޓީގެ ބޭފުޅުން ސާމްޕަލް ނެގުމުގައި ހަރަކާތްތެރިވަނީ --- ފޮޓޯ/ ހެލްތު މިނިސްޓްރީ

ކޮވިޑް-19 އަށް ޕޮޒިޓިވްވާ ފަރާތްތައް ޑޮކްޓަރަށް ދެއްކުމަށް 24 ގަޑިއިރު އޯޕީޑީ ހިދުމަތް ދެވޭނެ އިންޒާމު ހަމަޖެއްސުމަށް މަސައްތް ކުރަމުން އަންނަކަން ހެލްތް މިނިސްޓްރީން ހާމަކޮށްފިއެވެ.

ކޮވިޑް-19 ގައި ރާއްޖެއިން މަރުވި އުމުރުން 11 އަހަރުގެ މިޝްކާ މުހައްމަދުގެ މަރުގެ މައްސަލައިގައި ސިއްހީ ހިދުމަތް ފޯރުކޮށްދިނުމުގައި ހެލްތު އިމަޖެންސީ އޮޕަރޭޝަން ސެންޓަރުން އަމަލުކޮށްފައިވާ ގޮތާއި ހަރަކާތްތެރިވެފައިވާ ގޮތް ދެނެގަތުމަށްފަހު އެކުލަވާލި ރިވިއު ރިޕޯޓުގައި ހެލްތް މިނިސްޓްރީން ވަނީ އެފަދަ ކަމެއް ތަކުރާރު ނުވާނެ ގޮތަށް މަސައްކަތްތައް ބައްޓަން ކުރުމަށް، ކުރަމުން އަންނަ މަސައްކަތްތައް ފާހަގަކޮށްފައެވެ.

އެގޮތުން ކޮވިޑް-19 އަށް ޕޮޒިޓިވްވާ ފަރާތްތަކުން ޑޮކްޓަރަށް ދެއްކައި އައުޓް ޕޭޝަންޓް ބޭސިސްގައި ފަރުވާލިބޭނެ އިންތިޒާމު މާލެ، ވިލިމާލެ އަދި ހުޅުމާލޭގައި ހަމަޖައްސާ، އެތަންތަނަކީ 24 ގަޑިއިރު ހިދުމަތްދޭ ތަންތަން ކަމުގައި ހަމަޖެއްސުމަށް މަސައްކަތް ކުރަމުން އަންނަކަމަށް ރިޕޯޓްގައިވެއެވެ.

އަދި އެތަންތަނަށް ކޮވިޑަށް ޕޮޒިޓިވްވެފައިވާ ފަރާތްތައް "ވޯކް އިން" ކޮށްގެން ހިދުމަތް ލިބޭނެ އިންތިޒާމު ހަމަޖެއްސުމަށް މަސައްކަތް ކުރަމުން އަންނަކަމަށްވެސް ބުނެފައިވެއެވެ.

މީގެ އިތުރުން ކޮވިޑް-19 އަށް ޕޮޒިޓިވް ފަރާތްތަކުން އިމަޖެންސީ ހާލަތުގައި އެމްބިއުލަންްސް ހޯދުމަށް ސިއްހީ ހިދުމަތްދޭ އެއްވެސް ތަނަކަށް ގުޅައިފިނަމަ، އެ ތަނަކަށް އެ ފަރާތެއް ބޭނުންވާ ސިއްހީ ހިދުމަތް ދިނުމަށްޓަކައި އެމްބިއުލަންސް ފޮނުވަން ޖެހޭނެގޮތަށް އުސޫލުތައް ކަނޑައަޅައި، ސިއްހީ ހިދުމަތްދޭ ފަރާތްތަކަށް އެކަން އެންގުމުގެ މަސައްކަތްތައް ކުރަމުން ދާކަމަށްވެސް ބުނެފައިވެއެވެ.