Last Updated: June 28, 13:55
Sunday, June 28, 2026
ޚަބަރު

މާހައުލީ ނިޒާމު ރައްކާތެރިކުރުމަށް ރާއްޖޭން ފާހަގަކުރެވޭ މަސައްކަތް ކުރޭ: ރައީސް

ރައީސް އިބްރާހިމް މުހައްމަދު ސޯލިހް-- ފޮޓޯ: ރައީސް އޮފީސް

މާހައުލީ ނިޒާމު އިއާދަކޮށް ރައްކާތެރިކުރުމުގައި، ރާއްޖެއަކީ، ބޮޑެތި ޤައުމުތަކަށްވުރެވެސް، ފާހަގަކޮށްލެވޭ މަސައްކަތްތަކެއް ކުރަމުން އަންނަ ޤައުމެއް ކަމަށް ރައިސް އިބްރާހިމް މުހައްމަދު ސޯލިހް ވިދާޅުވެއްޖެއެވެ.

ރައީސް އިބްރާހިމް މުހައްމަދު ސޯލިހް މިފަދައިން ވިދާޅުވެފައިވަނީ ދުނިޔޭގެ ތިމާވެށީގެ ދުވަހާ ގުޅިގެން ފޮނުވި ހިތާބުގައެވެ. މިއަހަރުގެ ތިމާވެށީގެ ދުވަހަށް، އ.ދ.ގެ ތިމާވެއްޓާ ބެހޭ ޕްރޮގްރާމްގެ ފަރާތުން ކަނޑައަޅާފައިވާ ޝިޢާރަކީ "މާޙައުލީ ނިޒާމު އިޢާދަކުރުން" (ecosystem restoration) އެވެ.

އެގޮތުން ހިތާބުގައި ރައީސް ސޯލިހް ވިދާޅުވެފައިވަނީ، ކޮންމެ ރައްޔިތަކުވެސް، ދިރިއުޅުމާއިގެން ކުރިއަށް އަޅާ ކޮންމެ ފިޔަވަޅެއް އަޅަންވާނީ، ޤުދުރަތީ ނިޒާމަށް އެއްވެސް ގެއްލުމެއް ނުލިބޭނެކަން ކަށަވަރުކުރުމާއި އެކު ކަމަށެވެ. ދިވެހިންގެ ދިރިއުޅުމާއި އިޤްތިސާދު ބިނާވެފައިވަނީ ޤުދުރަތީ މާހައުލަށްކަން ފާހަގަކޮށް ރައީސް ސޯލިހް ވިދާޅުވެފައިވަނީ، ރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާގައި ސީދާ ގޮތުންނާއި ނުސީދާ ގޮތުން، ގާތްގަނޑަކަށް 50000 މީހުން ވަޒީފާ އަދާކުރާކަމަށާއި، އަދި މަސްވެރިކަމާއި ދަނޑުވެރިކަމުގައި 17000 އަށްވުރެ ގިނަ މީހުން މަސައްކަތްކުރާކަމަށެވެ.

ރާއްޖޭގެ ޤުދުރަތީ ވެށި ހިމާޔަތްކުރުމުގެ ގޮތުން، ރާއްޖޭގެ ފަރުތަކުގެ 13 އިންސައްތަ ހިމެނޭ ގޮތަށް، 73 ސަރަޙައްދެއް މިހާރު ހިމާޔަތްކޮށްފައިވާކަމަށާއި، އަދި، ޔުނެސްކޯގެ ބަޔޮސްފިއަރ ރިޒާވްގެ ލަގަބު، ދިވެހިރާއްޖޭގެ 3 އަތޮޅަކަށް މިހާރު ލިބިފައިވާކަމަށް ރައީސް ވިދާޅުވިއެވެ.

ރާއްޖޭގެ މާހައުލީ ނިޒާމުގެ ރައްކާތެރިކަން ކަށަވަރުކުރުމުގެ ގޮތުން، 2030 ވަނަ އަހަރާ ހަމައަށް، ދިވެހިރާއްޖޭގެ ކަނޑާއި ކަނޑާ ގުޅިފައިވާ ސަރަޙައްދުތަކުގެ، އެންމެ ކުޑަވެގެން 20 އިންސައްތަ ހިމާޔަތްކުރުމަށް މަސައްކަތްކުރަމުން އަންނަކަމަށް ފާހަގަ ކުރެއްވިއެވެ. އަދި ގްލޯބަލް އޯޝަން އެލައިންސްގައި ބައިވެރިވެ، 2030 ވަނަ އަހަރުގެ ނިޔަލަށް، ދުނިޔޭގެ ކަނޑުގެ 30 އިންސައްތަ ހިމާޔަތްކުރުމުގެ ބައިނަލްއަޤްވާމީ މަސައްކަތުގައިވެސް ރާއްޖެއިން ބައިވެރިވެފައިވާ ކަމަށް ރައީސް ސޯލިހް ވިދާޅުވިއެވެ.

ދުނިޔެ ހޫނުވުމަށް މެދުވެރިވާ ވިހަ ގޭސްތައް، ރާއްޖެއިން ޖައްވަށް ދޫކުރަނީ ކިތަންމެ މަދުން ކަމުގައި ވިޔަސް، ދުނިޔެ ހޫނުވުމުގެ ސަބަބުން މޫސުމަށް އަންނަ ނޭދެވޭ ބަދަލުތަކުގެ ގެއްލުން، އެންމެ ބޮޑަށް ކުރިމަތިވާ އެއް ޤައުމަކީ ރާއްޖެ ކަމަށް ރައީސް ވިދާޅުވިއެވެ.

"ދުނިޔޭގެ ނިސްބަތުން ރާއްޖެ ކިތައްމެ ކުޑަކަމުގައި ވިޔަސް، މާޙައުލީ ނިޒާމު އިޢާދަކޮށް ރައްކާތެރިކުރުމުގައި، ރާއްޖެއަކީ، ބޮޑެތި ޤައުމުތަކަށްވުރެވެސް، ފާހަގަކޮށްލެވޭ މަސައްކަތްތަކެއް ކުރަމުން އަންނަ ޤައުމެކެވެ. ސަބަބަކީ، މޫސުމަށް އަންނަ ނޭދެވޭ ބަދަލުތަކުން ލިބޭ ގެއްލުންތައް، އަޅުގަނޑުމެންގެ ރަށްތަކަށާއި، އަޅުގަނޑުމެންގެ އިޤްތިޞާދަށާއި، ޢާންމު ސިއްޙަތަށާއި ކާބޯތަކެތީގެ ޔަޤީންކަމަށް، އަދި ގޯތިގެދޮރަށްވެސް ކުރިމަތިވާތީއެވެ." ރައީސް ސޯލިހް ވިދާޅުވެފައިވެއެވެ.

އަދި ހަމަ އެއާއެކު، ރައްކާތެރި ގޮތުގައި ކުނި އެއްކޮށް ނައްތައިލާނެ ނިޒާމުތައް، ރަށު ފެންވަރުގަޔާއި ސަރަޙައްދީ ފެންވަރުގައި ޤާއިމުކުރުމުގެ މަޝްރޫއުތައް މިހާރުވެސް ކުރިއަށްދާކަމަށާއި، އެއްފަހަރު ބޭނުންކޮށްފައި އުކައިލާ ޒާތުގެ ޕްލާސްޓިކް މަދުކުރުމަށް މަސައްކަތްތަކެއް ކުރެވެމުންއަންނަ ކަމަށާ، ހަކަތަ އުފެއްދުމަށް ޑީސަލް އަންދާ މިންވަރު މަދުކުރުމަށްޓަކައި، އަވިން ހަކަތަ އުފައްދާ މިންވަރު އިތުރުކުރުމުގެ ގޮތުން، މުޅި ރާއްޖޭގައި މިހާރު 31.5 މެގަވޮޓްގެ ސޯލާ ޕީވި ހައިބްރިޑް ނިޒާމުތައް ޤާއިމުކުރެވިފައިވާކަމުގައިވެސް ވަނީ ވިދާޅުވެފައެވެ. މީގެ އިތުރުން، ކަނޑުގެ ވަސީލަތްތައް ދެމެހެއްޓެނިވި ގޮތުގައި ބޭނުންކުރުމަށް، "ނޫ އިޤްތިޞާދު"ގެ ދަށުން، ވަރަށް ގިނަ މަސައްކަތްތަކެއް ކުރަމުން އަންނަކަމުގައިވެސް އެމަނިކުފާނުގެ މިއަދުގެ ޚިޠާބުގައި ވަނީ ފާހަގަކުރައްވާފައެވެ.