ރައްޔިތުންގެ މަޖިލީހުން ބަލަމުންދާ ކަމެއްގައި ވަކިވަކި ފުލުހުންނާއި ސިފައިންނަށް މަޖިލީހަށް ހާޒިރުވާން އަންގައިފިނަމަ، މަޖިލީހަށް ހާޒިރުވެ ތެދުބަހުން ޖަވާބުދާރީ ވާންޖެހޭނެ ކަމަށް އެމްޑީޕީގެ ކުރީގެ ރައީސް އަދި ޤާނޫނުއަސާސީ އެކުލަވާލި ހާއްސަ މަޖިލީހުގައި މަސައްކަތް ކުރެއްވި އިބްރާހިމް އިސްމާއިލް (އިބްރާ) ވިދާޅުވެއްޖެއެވެ.
މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދަށް އަމާޒުކޮށް ދިން ބޮމުގެ ހަމަލާއާ ގުޅިގެން މަޖިލީހުގެ 241 ކޮމިޓީއިން ޕާލިމެންޓަރީ އިންކުއަރީއެއް ކުރިއަށް ގެންދާއިރު އެ އިންކުއަރީއަށް ވަކިވަކި ފުލުހުންނާއި ސިފައިން ހާޒިރުކުރުމަށް ކޮމިޓީން ބޭނުންވެއެވެ.
މިކަމާ ގުޅިގެން އިބްރާ ކޮށްފައިވާ ޓްވީޓްގައި ބުނެފައިވަނީ، މަޖިލީހުން ވަކިވަކި ފުލުހުންނާއި ސިފައިން ޖަވާބުދާރީ ކުރެވިދާނެ ކަމަށް ނުފެންނަކަމަށެވެ.
އެހެންނަމަވެސް، މަޖިލީހުން ބަލަމުންދާ ކަމެއްގައި މައުލޫމާތު ހޯދުމަށް ހާޒިރުވާން އެންގުމުން، ހާޒިރުވެ ތެދުބަހުން ޖަވާބުދާރީ ވާންޖެހޭނެ ކަމަށް ބުނެފައިެވއެވެ.
"ސިފައިންނާ ފުލުހުން ޖަވާބުދާރީކޮށް ފިޔަވަޅު އަޅާނީ މަޖިލީހަކުން ނޫން." އިބްރާގެ ޓްވީޓްގައިވެއެވެ.
Majlihun vaki vaki fuluhunnaai sifain "jawabdhaaree" kuruvidhaane kamakah nufeney
Namaves, Majlihun balamundhaa kameggai mauloomaathu hoadhumah haaziruvaan engumun, haaziruve thedhu bahun jawab dheyn jeheyne
Sifainnaai fuluhun jawabdhaaree koh fiyavalhu alhaane Majlihakun noon.
— Ibra – Unapologetically for Justice (@ibramandhu) June 4, 2021
ރައްޔިތުންގެ މަޖިލީހުގެ 241 ކޮމިޓީން ކުރިއަށްގެންދާ ޕާލިމެންޓަރީ އިންކުއަރީއަށް ސީޕީ ހަމީދު މިއަދު ހާޒިރުކޮށްފައިވާއިރު، ޕާލިމެންޓަރީ އިންކުއަރީއާ ގުޅޭ ބައެއް ކަންކަމުގައި އިދާރާތަކުގެ މެދުގައިވަނީ ނުތަނަވަސްކަން އުފެދިފައެވެ.
އެގޮތުން އިންކުއަރީއަށް މަޖިލީހުގެ ކޮމިޓީއަށް ވަކިވަކި ސިފައިން ޖަވާބުދާރީ ނުކުރެވޭނެކަމަށާއި، ޖަވާބުދާރީ ވާނީ މުޅި ސިފައިންގެ ހިދުމަތުގެ ފަރާތުން ކަމަށް އެމްއެންޑީއެފުން ވަނީ ބުނެފައެވެ. އަދި އެމައްސަލައިގައި އެމްޑީޕީގެ ބައެއް މެމްބަރުންގެ ފާޑުކިޔުން ވަނީ އެމްއެންޑީއެފަށް އަމާޒުވެފައެވެ. އަދި ރައިސް ނަޝީދުވެސް ވެސް ވަނީ އެމަނިކުފާނުގެ ރައްކަލަށް މަސައްކަތްކުރި ހަށިފާރަވެރިންގެ ބަސް ވަކިން ނީއްވޭނެ ކަމަށް ބުނުމުން އެކަމުގައި ކަންބޮޑުވުން ފާޅުކުރައްވާފައެވެ.
އެހެންނަމަވެސް ޕޮލިސް ކޮމިޝަނަރު ހަމީދު ވިދާޅުވީ ކޮމިޓީއަށް ވަކިވަކި ފުލުހުން ހާޒިރުވެ ޖަވާބު ދޭނެ ކަމަށް ވިދާޅުވެފައެވެ.