ތިމާވެއްޓާ ރައްޓެހި ކޮތަޅު އުފެއްދުމަށް އެ މަސައްކަތް ކުރުމަށް ޝައުގުވެރިވާ ފަރާތްތަކަށް އެކަމަށް މަގުފަހި ކުރުމަށް އައްޑޫސިސޓީން ބިން ދޫކުރުމަށް ނިންމާފައިވާ ކަމަށް މޭޔަރު އަލީ ނިޒާރު ވިދާޅުވެއްޖެއެވެ.
މޭޔަރު ނިޒާރު މިފަދައިން ވިދާޅުވެފައިވަނި ތިމާވެށިގެ ދުވަހާ ގުޅިގެން ދެއްވި ހިތާބުގައެވެ.
އެގޮތުން ވާހަކަ ދައްކަވަމުން ނިޒާރު ވިދާޅުވީ، ތިމާވެށިގެ ދުވަސް ފާހަގަކުރަމުން އަންނައިރު އައްޑޫސިޓީ ކައުންސިލުން ވަރަށް މުހިންމު ނިންމުންތަކެއް ނިންމާފައިވާކަމަށެވެ. އެގޮތުން އައްޑޫސިޓީގައި އެއްލައްކަ ރުށް ޖެހުމަށް ނިންމާ އެ މަސައްކަތް މިއަދު ފަށާފައިވާކަމަށާއި އަދި އައްޑޫސިޓީ ފެހިކުރުމަށްޓަކައި އައްޑޫ ނާސަރީގެ މަސައްކަތްވެސް ފަށާފައިވާކަމަށް ނިޒާރު ވިދާޅުވިއެވެ.
މީގެ އިތުރުން ތިމާވެއްޓާއި ރައްޓެހި ކޮތަޅު އުފެއްދުމަށް، އެ މަސައްކަތަށް ޝައުގުވެރިވާ ފަރާތްތަކަށް މަގުފަހިކޮށްދިނުމުގެ ގޮތުން އައްޑުސިޓީން ބިން ދޫކުރުމަށް އައްޑުސިޓީ ކައުންސިލުން ނިންމާފައިވާކަމަށްވެސް ނިޒާރު ވިދާޅުވިއެވެ. އަދި އައްޑުސިޓީގެ ފަހުރެއް ކަމަށްވާ ދޮންދީނިގެ މާހައުލު ކަމަށްވާ ބަނބުކެޔޮ ގަސް ޖެހުމަށް އެ މަޝްވަރާވެސް އައްޑުސިޓީ ކައުންސިލުން ފާށާފައިވާކަމަށެވެ.
ނިޒާރު ވިދާޅުވީ އައްޑޫ ނޭޗަރ ޕާކާއި ހުޅުދޫ މާފިށިކިޅި އަދި މީދޫ މަތިކިޅި މެނޭޖްކޮށް ބެލެހެއްޓުން އައްޑޫސިޓީ ކައުންސިލާއި ހަވާލުކުރުމުން އެކަމަށް އެންވާރަމެންޓް މިނިސްޓްރީއަށް ޝުކުރުއަދާކުރާކަމަށެވެ. އަދި އެކަމުގެ ސަބަބުން އެ ތަންތަން އިތުރަށް ބަލަހައްޓާ ތަރައްޤި ކުރުމަށް އައްޑުސިޓީއަށާއި ރައްޔިތުންނަށް ފުރުސަތު ލިބިގެންދާނެ ކަމަށް ނިޒާރު ވިދާޅުވިއެވެ.
އައްޑޫސީޓީ ތަރައްޤި ވާންޖެހޭނީ ތިމާވެއްޓާއި ރައްޓެހި ގޮތަކަށްކަން ފާހަގަކޮށް ނިޒާރު ވިދާޅުވީ، ކުރިއަށް އޮތް ޖީލުތަކަށް އައްޑޫ ގެންގޮސްދޭންޖެހޭނީ ފެހި އަދި ނަލަ އައްޑޫއެއްގެ ގޮތުގައި ކަމަށެވެ.