ރައްޔިތުންގެ މަޖިލީހުގެ 241 ކޮމިޓީން މިހާރު ކުރިއަށްގެންދާ ޕާލިމެންޓަރީ އިންކުއަރިއަށް ފުލުހުންގެ ޑިރެކްޓަރ ކައުންޓަރ ޓެރަރިޒަމް، ސްޕްރިންޓެންޑެންޓް އޮފް ޕޮލިސް ފަރީދު އިސްމާއިލް ހާޒިރުކޮށް ސުވާލު ކޮށްފިއެވެ.
ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް އަމާޒުކޮށްދިން ބޮމުގެ ހަމަލާގައި އެމަނިކުފާނުގެ ސެކިއުރިޓީ ބްރީޗްވި ގޮތް ބެލުމަށް މަޖިލީހުން ކުރިއަށްގެންދާ ޕާލިމެންޓަރީ އިންކުއަރީއަށް ޑިރެކްޓަރ ކައުންޓަރ ޓެރަރިޒަމް، ސްޕްރިންޓެންޑެންޓް އޮފް ޕޮލިސް ފަރީދު އިސްމާއިލް ހާޒިރުކޮށް ސުވާލު ކޮށްފައިވާއިރު މިއަދު ވަނީ ޕޮލިސް ކޮމިޝަނަރު މުހައްމަދު ހަމީދުވެސް ހާޒިރުކޮށް ސުުވާލު ކޮށްފައެވެ.
މި ބައްދަލުވުންތައް ކުރިއަށް ގެންދަނީ ސިއްރު ކޮށްގެނެވެ.
ރައްޔިތުންގެ މަޖިލީހުގެ ރައީސަށް ދެމުން ގެންދާ ސަލާމަތާއި ރައްކާތެރިކަން ބްރީޗްވިގޮތް ހޯދުމަށް 241 ކޮމިޓީން ކުރިއަށް ގެންދާ ޕާލަމެންޓަރީ އިންކުއައިރީގައި ޑިރެކްޓަރ ކައުންޓަރ ޓެރަރިޒަމް، ސްޕްރިންޓެންޑެންޓް އޮފް ޕޮލިސް ފަރީދު އިސްމާޢީލްއާ ސުވާލުކުރުން pic.twitter.com/3Nzn391MIB
— People's Majlis (@mvpeoplesmajlis) June 5, 2021
ޕާލިމެންޓަރީ އިންކުއަރީއާ ގުޅޭ ބައެއް ކަންކަމުގައި އިދާރާތަކުގެ މެދުގައިވަނީ ނުތަނަވަސްކަން އުފެދިފައެވެ.
އެގޮތުން އިންކުއަރީއަށް މަޖިލީހުގެ ކޮމިޓީއަށް ވަކިވަކި ސިފައިން ޖަވާބުދާރީ ނުކުރެވޭނެކަމަށާއި، ޖަވާބުދާރީ ވާނީ މުޅި ސިފައިންގެ ހިދުމަތުގެ ފަރާތުން ކަމަށް އެމްއެންޑީއެފުން ވަނީ ބުނެފައެވެ. އަދި އެމައްސަލައިގައި އެމްޑީޕީގެ ބައެއް މެމްބަރުންގެ ފާޑުކިޔުން ވަނީ އެމްއެންޑީއެފަށް އަމާޒުވެފައެވެ. އަދި ރައީސް ނަޝީދުވެސް ވެސް ވަނީ އެމަނިކުފާނުގެ ރައްކަލަށް މަސައްކަތްކުރި ހަށިފާރަވެރިންގެ ބަސް ވަކިން ނީއްވޭނެ ކަމަށް ބުނުމުން އެކަމުގައި ކަންބޮޑުވުން ފާޅުކުރައްވާފައެވެ.
އެހެންނަމަވެސް ޕޮލިސް ކޮމިޝަނަރު ހަމީދު ވިދާޅުވީ ކޮމިޓީއަށް ވަކިވަކި ފުލުހުން ހާޒިރުވެ ޖަވާބުދާރީ ވާނެކަން ހާމަކޮށްފައެވެ.
ރައީސް ނަޝީދަށް އަމާޒުކޮށް ދިން ހަމަލާއަށް މިއަދު 30 ދުވަސް ވާއިރު، އެ ހަމަލާއަށް ފަންޑު ކުރި ބަޔަކު ހޯދުމަށް ގޮވާލާ ރައީސް ނަޝީދަށް ތާއީދު ކުރާ ފަރާތްތަކުން އަންނަނީ ސޯޝަލް މީޑިއާގައި ކެމްޕޭނެއްވެސް ކުރިއަށް ގެންދަމުންނެވެ.