Last Updated: June 28, 13:55
Sunday, June 28, 2026
ޚަބަރު

އައްޑޫގައި އިންޑިއާ ކޮންސިއުލޭޓް ގާއިމުކޮށްގެން ލިބެން އޮތީ ފައިދާ: ރައީސް ނަޝީދު

ރައީސް މުހައްމަދު ނަޝީދު-- ފޮޓޯ: ރައްޔިތުންގެ މަޖިލިސް

އައްޑޫސިޓީގައި އިންޑިއާގެ ކޮންސިއުލޭޓެއް ޤާއިމުކޮށްގެން ލިބެން އޮތީ ފައިދާ ކަމަށް މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

އައްޑޫސިޓިގައި އިންޑިއާގެ ކޮންސިއުލޭޓެއް ޤާއިމުކުރުމަށް އިންޑިއާއިން ނިންމާފައިވާއިރު، އެކަމުގައި ބައެއް ފަރާތްތަކުން އަންނަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ.

އެކަމާއި ގުޅިގެން ރައީސް ނަޝީދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައިވަނީ، އައްޑޫގެ ވިސްނުމަކީ އަބަދުވެސް ދުނިޔެއަށް ހުޅުވިފައިވާ ވިސްނުމެއް ކަމަށާއި، އަމިއްލަ ނޭފަތު ކުރީގައި ތަޅު އެޅުވިފައިވާ ވިސްނުމެއް ނޫން ކަމަށެވެ.

ރައީސް ނަޝީދު ވިދާޅުވީ އައްޑުގައި އިންޑިއާގެ ކޮންސިއުލޭޓެއް ޤާއިމު ކުރުމުގެ ސަބަބުން އައްޑުއަށް ވެސް އަދި ރާއްޖެއަށް ވެސް ލިބެން އޮތީ ފައިދާ ކަމަށެވެ.

އައްޑޫގައި ގާއިމުކުރަން މަސައްކަތް ކުރަމުންދާ އިންޑިއާގެ ކޮންސިއުލޭޓް އޮފީހާއި ދެކޮޅަށް ފަށާފައިވާ "ސޭވް އައްޑޫ" ކެމްޕޭނުގެ ތެރެއިން ރޭ ވަނީ ޕެނަލް ޑިސްކަޝަނެއްވެސް ފަށާފައެވެ. ޕެނަލް ޑިސްކަޝަނެއްގައި ވާހަކަދައްކަމުން އައްޑޫ ސިޓި ހިތަދޫ އަށް އުފަން އުގެއިލް ވިދާޅުވީ ކޮންސިއުލޭޓް އޮފީހަށް އަދި ގާއިމުކުރިޔަސް އިގްތިސާދީ، އުމްރާނީ އަދި އިޖުތިމާއީ ރޮގުން ވެސް ތަރައްގީއެއް ގެެނެވޭނެ ކަމަށް ގަބޫލު ނުކުރެވޭ ކަމަށެވެ.

އިންޑިއާގެ ކޮންސިއުލޭޓާއި ގުޅޭގޮތުން ރައީސް އިބްރާހިމް މުހައްމަދު ސޯލިހް އެންމެ ފަހުން ވިދާޅުވެފައިވަނީ، އެ ނިންމުމަކީ އިންޑިއާގެ ނިންމުމެއް ކަމަށާއި، އެކަމުގައި ދިވެހި ސަރުކާރުން ގޮތެއް ނުނިންމާކަމަށެވެ. އަދި ޑިޕްލޮމެޓިކް ކަންކަމުގައި ގޮތް ނިންމޭނީ މަޝްވަރާ ކޮށްގެން ކަމަށް ވިދާޅުވިއެވެ.