މުސްލިމަކާ ދިމާލަށް ކާފަރެކޭ ބުނުން ކުށަކަށް ހެދުމަށް ޤާނޫނުލްއުޤޫބާތަށް ހުށަހަޅާފައިވާ އިސްލާހަށް ތާއީދު ނުކުރާކަން ޖުމްހޫރީ ޕާޓީން ހާމަކޮށްފިއެވެ.
ޤާނޫނުލްއުޤޫބާތަށް ހުށަހަޅާފައިވާ އިސްލާހާއި ގުޅޭގޮތުން ޖޭޕީން ނެރުނު ބަޔާނެއްގައި ބުނެފައިވައިވަނީ، ބިލު މިހާރު މަޖިލީހަށް ހުށަހަޅާފައިއޮތް ގޮތަސް އެ މަފްހޫމުގައި ފާސްކޮށް ރައީސުލްޖުމްހޫރިއްޔާ ތަސްދީޤުކޮށްފިނަމަ، ރައްޔިތުންގެ މަޖިލީހާއި އެނޫންވެސް ތަންތަނުގައި ﷲ ތައާލާގެ ހަޟްރަތަށާއި އެކަލާންގެ ރަސޫލާއަށް ފުރައްސާރަކޮށް، އިސްލާމްދީނާ ދެކޮޅަށް ފާޅުގައި ވާހަކަދައްކާ ހަދާ މީހުންނަށް ހުޅުވައިދެވެނީ އެކަން ކުރުމުގެ ޤާނޫނީ ދޮރެއް ކަމަށެވެ.
ޖޭޕީގެ ބަޔާނުގައި ބުނެފައިވަނީ، ހުށަހަޅާފައިވާ ބިލު ހުށަހަޅާފައި އޮތް މަފްހޫމުގައި ފާސްކޮށް ޤާނޫނަކަށް ވެއްޖެނަމަ ދިވެހި މުޖުތަމައު އިތުރަށް ފިތުނަވެ ފަސާދަވުން ނޫން ގޮތެއް ނުވާނެ ކަމަށެވެ.
މިހާރު ހުށަހަޅާފައިވާ އިސްލާހަށް މެމްބަރަކު ވޯޓުދީފި ނަމަ އެކަމަކީ މެމްބަރުން ކޮށްގެން ތިބިހުވަޔާ ހިލާފަށް ކުރެވޭ ކަމަކަށް ވާނެ ކަމަށްވެސް ޖޭޕީގެ ބަޔާނުގައި ބުނެފައިވެއެވެ. އަދި ދީނަށް ލޯބިކުރާ އެއްވެސް މެމްބަރަކު މި އިސްލާހަށް ވޯޓު ދީފާނެތޯވެސް ސުވާލު އުފައްދާފައިވެއެވެ.
ޖޭޕީން ބުނެފައިވަނީ މި ސަރުކާރު ދެމިއޮތުމަށް ތާއިދުކުރާ އެއްވެސް މީހަކު މި އިސްލާހު ހުށަހަޅާފައި އޮތް މަފްހޫމުގައި ފާސްކޮށް ޤާނޫނަކަށް ހެދުމަށް ތާއީދު ނުކުރާނެ ކަމަށެވެ.