Last Updated: June 30, 14:08
Tuesday, June 30, 2026
ވިޔަފާރި

ގަން ކޮލަމްބޯ ދަތުރުތައް ހުއްޓާލައިފި

މޯލްޑިވިއަންގެ އެއާބަސް ގަމަށް ޖެއްސި ދުވަހު ކުންފުނީގެ ބައެއް އިސް ވެރިން ފައިބައިގެން ދަނީ. ފޮޓޯ/ ޝަރަފް

މިއަހަރު އޮގަސްޓް މަހުގެ 7 ވަނަ ދުވަހު ފެށި ގަން / ކޮލަމްބޯ ދަތުރުތައް މޯލްޑިވިއަނުން ހުއްޓާލައިފިއެވެ.

"އައްޑޫލައިވް" އަށް މައުލޫމާތު ލިބިފައިވާ ގޮތުގައި ސްކޫލު ބަންދާއި ދިމާކޮށް ލަންކާއަށް ދާން ގިނަ ބަޔަކު ބުކިން ހަދާފައި ވަނިކޮށް މޯލްޑިވިއަނުން ދަތުރު ހުއްޓާލީ ޕެސިންޖަރުން ނުލިބޭކަމަށް ބުނެއެވެ.

ބައެއް މީޑިއާތަކަށް މޯލްޑިވިއަންގެ ހެޑް އޮފް މާކެޓިން އެންޑް އެޑްމިނިސްޓްރޭޝަން އަލީ ނަޝާތު އިންޓަވިއު ދެއްވާފައިވަނީ ކުންފުންޏަށް ގެއްލުންވަތީ ލަންކާ ދެމެދު ދަތުރު ހުއްޓާލީކަމަށެވެ.

"އައްޑޫލައިވް"އަށް ފޮނުވި އެސްއެމްއެސްއެއްގައި ނަޝާތު ވިދާޅުވީ މިވަގުތަށް ދަތުރުތައް ހުއްޓާލާފައިވާކަމަށެވެ.

ގަމާއި / ކޮލަމްބޯ ދެމެދު ސީދާ ދަތުރުތައް ފެށުމަށް ގަމުގެ ވައިގެ ބަނދަރުގައި ބޭއްވި ރަސްމިއްޔާތުގައި މިދަތުރު ތައް ހުއްޓާނުލައި ކުރިއަށް ގެންދާނެކަމަށް ޓްރާންސްޕޯޓް މިނިސްޓަރ އަމީން އިބްރާހިމް އާއި އައިލެންޑް އޭވިއޭޝަންގެ މެނޭޖިން ޑިރެކްޓަރ ވަނީ ޔަގީންކަން ދެއްވާފައެވެ. އަދި ވަރަށް އަވަހަށް ގަމުން ދުނިޔޭގެ އެހެން މަންޒިލް ތަކަށް ދަތުރު ފަށާނެކަމަށް ބުނިއެވެ.

ގަމާއި ކޮލަމްބޯ އާއި ދެމެދު ވައިގެ ދަތުރުތައް ފެށުމުގެ ޝައުގުވެރިކަން ސްރީލަންކަން އެއާލައިންސުން ސަރުކާރަށް ހުށަހެޅުމާއި ގުޅިގެން މޯލްޑިވިއަން ބަނގުރޫޓް ވެދާނެކަމަށް ބުނެ އެކަމާއި ދެކޮޅަށް މޯލްޑިވިއަން އިން ތެދުވުނެވެ. އަދި މަދު ދުވަސްކޮޅެއްގެ ތެރޭގައި މޯލްޑިވިއަނުން ގަން ކޮލަމްބޯ ދަތުރުތައް ފެށިއެވެ.

މޯލްޑިވިއަންއިން ގަން ކޮލަމްބޯ ދަތުރު ފެށުމާއި އެކުވެސް ގިނަ ބަޔަކު ވަނީ އެއީ "ރަމްޒީ" ދަތުރުތަކެއް ބުނެ އަޑުއުފުލާފައެވެ. އަދި ދަތުރު ފެށިތާ މަސްދުވަސް ނުވަނީސް ޕެސިންޖަރުން ނުލިބޭ ކަމަށް ބުނެ މޯލްޑިވިއަނުން ވަނީ ބަހަނާ ދައްކަން ފަށާފައެވެ.

މޯލްޑިވިއަނުން ދަތުރުތައް ހުއްޓާލިއިރު އެ ބޯޓުގައި ކޮލަމްބޯއަށް ދިޔަ އެތައް ބަޔަކު ކޮލަމްބޯއިން މާލެއަށް ސްރީލަންކަންގެ ބޯޓުފަހަރުގައި ގެނެސްފައި އެބަހުއްޓެވެ.