Last Updated: June 18, 00:30
Wednesday, June 17, 2026
ޚަބަރު

ހައިތަމާއި އަނބިކަނބަލުންނަށް އިންޒާރުދިން މައްސަލައެއް ބަލަނީ

ހައިތަމް އާއި އަނބިކަނބަލުން ޝަޖާން ކައިވެނީގެ ރަސްމިއްޔާތުގައި

މައްޗަންގޮޅި ދެކުނު ދާއިރާގެ މެމްބަރު އަހުމަދު ހައިތަމް އާއި އޭނާގެ އަނބިކަނބަލުންނަށް އިންޒާރުދިން މައްސަލައެއް ފުލުހުން ބަލަން ފަށައިފިއެވެ.

ފުލުހުން ބުނީ ހައިތަމް އާއި އޭނާގެ އަނބިކަނބަލުންނާ ބަޔަކު ދިމާކޮށްލައި އަޑުގަދަކޮށް، އިންޒާރު ދިން މައްސަލައެއް ހުށަހެޅިފައިވާ ކަމަށާއި އެ މައްސަލަ ތަހުގީގު ކުރަމުންދާ ކަމަށެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި ހައިތަމް އާއި އޭނާގެ އަނބިކަނބަލުންނަށް އިންޒާރު ދީފައިވަނީ ހައިތަމް ދިރިއުޅުއްވާ އެޕާރޓްމެންޓް ހުންނަ އިމާރާތުގައި ތިބި ބަޔަކެވެ. މި ހާދިސާ ހިނގިއިރު ހައިތަމްގެ އަނބިކަނބަލުން މިވަގުތު އިންނެވީ އެއްމާބަނޑު ދެކުދިންނަށް ބަލިވެ ކަމަށް މައުލޫމާތު ލިބެއެވެ. މި ހާދިސާއާ ގުޅިގެން ހައިތަމްގެ އަނބިކަނބަލުން މިހާރު އަންނަނީ އޭޑީކޭގައި ފަރުވާ ހޯއްދަވަމުންނެވެ.

މަޖިލީހުގެ މެމްބަރަކަށް އިންޒާރު ދިން މައްސަލައެއް ފުލުހުން ބަލަމުންދާއިރު، ފުލުހުން ދާދިފަހުން ވަނީ މަޖިލީހަކީ ގޮއްވާލަން ޖެހޭ ތަނެއް ކަމަށް ބުނެ ފޭސްބުކްގައި ކޮމެންޓް ކުރި އުމުރުން 28 އަހަރުގެ ދިވެހި ފިރިހެނަކު ހައްޔަރުކޮށްފައެވެ. އޭނާގެ ބަންދަށް ވަނީ 15 ދުވަސް ކްރިމިނަލް ކޯޓުން ޖަހާދީފައެވެ.